އިންޑިއާގެ ހަމަލާ އަމާޒުވާނީ ޕާކިސްތާނުގެ ތެރޭގައި އޮތް ޓެރަރިޒަމްގެ މައި މުލަށް ކަމަށް އިންޑިއާގެ ދާހިލީ ވަޒީރު އަމީތު ޝާހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުންދާ އަމީތު ޝާހް ވިދާޅުވީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ޓެރަރިޒަމްއާ ދެކޮޅަށް ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެއް ކަމަށެވެ.

ޖައްމުއާއި ކަޝްމީރުގެ މައްސަލައާއި ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަމީތު ޝާހް ވިދާޅުވީ، ޖައްމު އާއި ކަޝްމީރުގެ ޑިމޮކްރަސީ ބަލިކޮށްލާފައިވަނީ އިދިކޮޅު ކޮންގްރެސްއިން ކަމަށާ، ވަކިވެގަތުމަށް މަސައްކަތް ކުރާ ފަރާތްތަކުން ޑިމޮކްރަސީއަށް ހަމަލާދެމުންދާކަމަށެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި މިއަހަރުގެ ކުރީކޮޅު ދިން ބޮމުގެ ހަމަލާއަށް އިޝާރާތް ކުރައްވާ އަމީތު ޝާހް ވިދާޅުވީ، ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި ހަރަކާތްތެރިވާ ޕާކިސްތާނާ އެއްކޮޅު ފިކުރުގެ ހަރަކާތްތައް ހިންގުން މަނާކޮށް، ޓެރަރިޒަމްގެ އަމަލު ހިންގާ ކޭމްޕުތަކަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހަމަލާ އަމާޒު ކޮށްފައި ވާނެކަމަށެވެ.

ޕާކިސްތާނުގެ ބަލަކޮޓް ސަރަހައްދަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ވަނީ އޮޅުމަކުން ނޫންކަމަށާ، އިންޑިއާގެ އަމާޒަކަށްވީ ޕާކިސްތާނުގައި އޮތް ޓެރަރިޒަމް، މުލުން ލުހެލުން ކަމަށްވެސް އަމީތު ޝާހް ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އަމީތު ޝާހް ވަނީ، އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި އެކްޓިވިސްޓް އަދި އެގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.