ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ދިފާއީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސައާއި ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލަ ވައްދައިފިއެވެ.

މިއަހަރުގެ ފަހުކޮޅު ސްރީލަންކާގައި ކުރިއަށް ގެންދަންޖެހޭ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ގޮތަބަޔާ ރާޖަޕަކްސައާއި ދެކޮޅަށް، އެމެރިކާގެ ކޯޓަކަށް މައްސަލަ ވައްދާފައިވަނީ، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުގެ ފުށުން ލާއިންސާނީ އަނިޔާ ލިބުނު ކަމަށް ބުނާ ބައެކެވެ. މިފަދަ 10 މައްސަލައެއް އެމެރިކާގެ ކޯޓަށް ވައްދާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ކޮއްކޯފުޅު، ގޮތަބަޔާ ރާޖަޕަކްސައަކީ އެމެރިކާގެ ރަށްވެހިކަންވެސް އޮންނަ ފަރާތަކަށް ވާއިރު، ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމެރިކާގެ ރަށްވެހިކަން ދޫކޮށްލެއްވުމަށް ގޮތަބަޔާ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޚަބަރު ލިބެއެވެ. ކަންމިހެން އޮތްއިރު، މިއަހަރުގެ ކުރީކޮޅު ގޮތަބަޔާ އެނބުރި ސްރީލަންކާއަށް ވަޑައިގަތީ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލެއްވުމަށް ފަހުގައި ކަމަށް ބުނި ޚަބަރުތަކެއްވެސް މީޑިއާއަށް ވަނީ ތިލަވެފައެވެ.

2005 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ގޮތަބަޔާއާ ދެކޮޅަށް އެމެރިކާގެ ކޯޓަށް އެންމެ ފަހުން ވެއްދި މައްސަލަތަކުގެ ތެރޭގައި، އަސްކަރިއްޔާއިން ހިންގި ކަމަށް ބުނާ ގިނަ ޖަރީމާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ވަކި އުސޫލެއްގެ ދަށުން މީހުން ވަގަށް ނެގުމާ، ލާއިންސާނީ އަނިޔާ ދިނުމާ، ރޭޕް ކުރުމާ، ތުހުމަތު ކުރެވޭ މީހުންގެ އަތުން ފައިސާ ނެގުން ފަދަ ކަންކަން ހިމެނެއެވެ.

ގޮތަބަޔާގެ ވެރިކަމުން އަސްކަރިއްޔާއިން ހިންގި ޖަރީމާތަކުގެ ޝިކާރައަކަށްވީ މީހުންގެ ގައިގައި ދޮންދަގަނޑުން ސިއްކަޖެހި ކަމަށާ، ޗާބޫކުން ތެޅުމުގެ އިތުރުން ޕެޓްރޯލްގައި ފޯކޮށްފައިހުރި ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްގެން ނޭވާ ހާސްކޮށްލުން ފަދަ އަމަލުތައްވެސް ހިންގާފައިވާކަމަށް ކޯޓަށް މައްސަލަ ވެއްދި ފަރާތްތަކުގެ ވަކީލުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ތުހުމަތުތަކަށް އިންކާރުކުރައްވާ، ގޮތަބަޔާގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކު ވިދާޅުވީ، މި ތުހުމަތުތަކަކީ އިންތިހާބުގެ ކުރިން، ގޮތަބަޔާގެ ނަން ކިލަނބުކުރުމަށް ބަޔަކު ހިންގާ އަމަލެއް ކަމަށެވެ.

ގޮތަބަޔާއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލައެއް ވެއްދުމަކީ، އެމެރިކާގެ ރަށްވެހިކަން ބާތިލުކުރުމަށް އެޅިގެންދާނެ ހުރަހަކަށް ވާއިރު، އެމެރިކާގެ ރަށްވެއްސެއްގެ ގޮތުގައި ހުންނަވައިގެން ސްރީލަންކާގެ ރިޔާސީ ރޭހުގައި ވާދައެއް ނުކުރެއްވޭނެއެވެ.