އެކުންފުނިން ކަނޑައަޅާފައިވާ ގަވައިދުތަކާ ހިލާފަށް ދުނިޔޭގެ ލީޑަރުން ކުރައްވަމުން ގެންދަވާ ޓްވީޓްތައް، އާންމުކޮށް ނުފެންނާނެހެން "ފޮރުވާނެ" ކަމުގެ އިންޒާރު، ޓްވިޓާއިން ދީފިއެވެ.

ގައުމުތަކުގެ އިސްވެރިންނާ ސިޔާސީ މައިދާންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އާންމުންނާ ހަމައަށް ޖަޒުބާތުގެ ޝުއޫރުތައް ފޯރުކޮށްދެމުންދާ މައި ޕްލެޓްފޯމަކަށް މިހާރު ޓްވިޓާ ވަނީ ވެފައެވެ.

ކަންމިހެންއޮތްއިރު، ގަވައިދާ ހިލާފުވާ ޕޯސްޓްތައް، ހާއްސަ ނޯޓިސްއެއްގެ ފަހަތުގައި ފޮރުވާނެ ކަމަށް ޓްވިޓާއިން ބުނެއެވެ. އެގޮތުން ޖޫން 27 ވަނަ ދުވަހުން ފެށިގެން މިކަން ތަންފީޒުކުރާކަން ޓްވީޓާއިން ވަނީ ބުނެފައެވެ.

ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ޓްވިޓާއަކީ އެކުންފުނިން ކަނޑައަޅާފައިވާ ގަވައިދުތަކާ ހިލާފުވާ މީހުންނާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ކުންފުންޏެއް ނޫނެވެ. ނަތީޖާއަކަށް ވަނީ ފުރައްސާރަކުރުމާ ހަމަނުޖެހުންތައް ހިންގަން ހިތްވަރު ދިނުމަށް އެންމެ ފާޅުގައި، މިނިވަންކަމާއެކު ގޮވާލެވޭ ޕްލެޓްފޯމަކަށް ޓްވިޓާ ވެގެންދިއުމެވެ.

ހާއްސަ ނޯޓިސްގެ ދަށުގައި ފޮރުވާފައިވާ މެސެޖުތަކަކީ، ސާޗް އޮޕްޝަން ބޭނުންކޮށްގެން ހޯދޭނެ ޓްވީޓްތަކަކަށް ނުވާއިރު، މިފަދަ ޓްވީޓްތަކަކީ، ޓްވިޓާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޕްރޮމޯޓްކުރެވޭނެ ޓްވީޓްތަކެއް ނޫންކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ.

މި ފިޔަވަޅު ތަންފީޒުކުރެވިގެންދާނީ ގައުމެއްގެ ނުވަތަ ދައުލަތެއްގެ އޮފިޝަލެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މީހުން ތެރެއިން ވެރިފައިޑް އެކައުންޓްތައް ގެންގުޅޭ ފަރާތްތަކުގެ މައްޗަށެވެ. އަދި މިފަދަ އެކައުންޓްތައް ފޮލޯކުރާ މީހުންގެ އަދަދު 1 ލައްކައަށްވުރެ އިތުރުވުންވެސް މި ގިންތީގައި ހިމެނެއެވެ.