ދުނިޔޭގައި މިވަގުތު އޮތް އެންމެ އަގުބޮޑު ކުންފުންޏަކީ އެޕަލް ކުންފުނި ކަމުގައި ހަދާދިން އައިފޯނު ފަރުމާކޮށްދިން ޖޯނީ އައިވް، އެޕަލް ކުންފުނި ދޫކޮށްލަން ނިންމައިފިއެވެ.

އައިފޯންއާއި، އައިމެކް އައި އައިޕޮޑްވެސް ފަރުމާކޮށްދިން ޖޯނީ އައިވް، އެޕަލް ކުންފުނި ދޫކޮށްލަން ނިންމާފައިވަނީ، އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ލަވްފްރޮމް" ހިންގުމުގެ ބޭނުމުގައެވެ.

"ލަވްފްރޮމް"ގެ ފުރަތަމަ ކްލަޔަންޓަކީ އެޕަލް ކަމަށް ޚަބަރު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޖޯނީ އައިވް، އެޕަލް ކުންފުނި ދޫކޮށްލާނީ މިއަހަރުގެ ފަހުކޮޅުއެވެ.

ޖޯނީ އައިވް އެޕަލް ކުންފުނި ދޫކޮށްލަން ނިންމާފައި މިވަނީ، އެ ކުންފުނީގެ ރީޓެއިލް ވިޔަފާރީގެ އިސްވެރިޔާވެސް މަގާމުން އިސްތިއުފާވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މި ދަނޑިވަޅަކީ، އައިފޯނުގެ ވިޔަފާރި އިންތިހާއަށް ދަށަށް ދިއުމުގެ ސަބަބުން އިންވެސްޓަރުންވެސް އިންތިހާއަށް ކަންބޮޑުވެފައިވާ ދަނޑިވަޅެކެވެ.

ނަމަވެސް ޖޯނީ އައިވް ވަނީ، މިއީ އެޕަލް ކުންފުނި ދޫކޮށްދިއުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ބުނެފައެވެ.

އެޕަލް ކުންފުނީގެ ބޮސް، ޓިމް ކުކް ބުނީ އެޕަލް ކުންފުނި ކޮޅަށްޖެހުމަށްޓަކައި ޖޯނީ އައިވް ކުރި މަސައްކަތަށް ތައުރީފުކޮށް ނުނިމޭނެކަމަށެވެ.