ސަލާމަތީ މަސްރަހު އޮތް ގޮތުންނާ އެކި ކަހަލަ ހަމަނުޖެހުންތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ރައްޔިތުން ތަކުލީފުތަކެއް އުފުލަމުންދާތާ އަހަރުތަކެއް ފާއިތުވެފައިވާކަމަށާ، ނަމަވެސް އެކަމަކީ މިހާރު ބަދަލުވާންވެއްޖެ ކަމެއްކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ، މިވަގުތު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކުރައްވާ ވާހަކަފުޅު ދައްކަވަމުން ގުރައިޝީ ވިދާޅުވީ، ޕާކިސްތާނުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުބޮޑު ހާލަތު ބަދަލުކުރުމުގެ އަމާޒު ހާސިލުކުރުމުގައި ޕާކިސްތާނުންވެސް ދައުރެއް އަދާކުރަން ބޭނުންވާކަމަށެވެ.

ޕާކިސްތާނުން އަބަދުވެސް ބާރު އަޅަމުންދަނީ ނަތީޖާ ނެރެވެނިވި މަޝްވަރާތަކަކަށް ކަމަށާ، ދެމިގެންދަނިވި ގޮތެއްގައި އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރެވެން އޮތް ހަމައެކަނި ގޮތަކީވެސް މިއީ ކަމަށް ޕާކިސްތާނުން ގަބޫލުކުރާކަމަށްވެސް ގުރައީޝި ވަނީ ވިދާޅުވެފައެވެ.

ގުރައިޝީ އިތުރަށް ވިދާޅުވީ، އަފްޣާނިސްތާނުގައި ސުލްހަގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނުންވެސް އިހުލާސްތެރިކަމާއެކު ބައިވެރިވާން ބޭނުންކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސް ވަނީ ޕާކިސްތާނުގެ ހާރިޖީ ވަޒީރުގެ އިތުރުން ބޮޑުވަޒީރު އިމްރާން ހާންއާއިވެސް ބައްދަލުކުރައްވާފައެވެ. ސުލްހަޔަށްޓަކައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތައް، ޣަނީ ބައްލަވާގަންނަވާ ކަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.