ޕާކިސްތާނުގެ ދެމިއޮތުމަށް ނުރައްކާ އޮތީ އިންޑިއާގެ ފަރާތުން ނޫންކަމަށާ، ނަމަވެސް ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ސަބަބުންކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)ގެ ކުރީގެ ޑައިރެކްޓާ އަދި އެމެރިކާ އަސްކަރިއްޔާ އިން ރިޓާޔާކުރައްވާފައިވާ ޖެނެރަލް ޑޭވީޑް ޕެޓްރޯޒް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ޖެނެރަލް ޕެޓްރޯޒް ވިދާޅުވީ، ޕާކިސްތާނަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެގައުމުގެ ދެމިއޮތުމަށް ހަގީގަތުގައި ނުރައްކާ ކުރާ ބަޔަކީ އިންޑިއާ ނޫންކަމަށާ، ނަމަވެސް ގައުމުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންކަން ގަބޫލުނުކުރެވުން ކަމަށެވެ. އެގޮތުން މަދަނީ ދިރިއުޅުމާ މުޖުތަމައުގެ މުހިންމު އަސާސްތައް "ކައި، ހުސްކޮށް" އެނޫންވެސް އެކި ގޮތްގޮތުން ގައުމަށް ގެއްލުން ދެމުންދަނީ އެ ފަސްގަނޑުގެ މަތީގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައެޅި ހަނގުރާމަވެރިންކަން ޕާކިސްތާނުން ގަބޫލުކޮށްފައި ނުވާކަމަށްވެސް ޖެނެރަލް ޕެޓްރޯޒް ވަނީ ވިދާޅުވެފައެވެ.
އިންޑިއާއާއި ޕާކިސްތާނުގެ ގުޅުންތަކާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޖެނެރަލް ޕެޓްރޯޒް ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން އަދިވެސް ދަނީ އެމީހުންގެ ފިކުރު ޕްރޮމޯޓްކުރަމުންނެވެ. މިއާއެކު ޕާކިސްތާނުގެ ތައުލީމީ ނިޒާމުގެ ފެންވަރު އިންތިހާއަށް ދަށަށް ގޮސް، އާންމު ސްކޫލްތަކަށް ދަރިން ފޮނުވުމުގެ ބަދަލުގައި "މަދްރަސާ" ތަކަށް ދަރިވަރުން ފޮނުވުމަށް ބެލެނިވެރިންނަށް މަޖުބޫރުވެފައިވާކަމަށް ޖެނެރަލް ޕެޓްރޯޒް ވިދާޅުވިއެވެ. ޕާކިތސްނުގެ "މަދްރަސާ"ތަކަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ޕްރޮމޯޓްކުރުމުގެ ސިއްކަ ޖެހިފައިވާ ތަންތަނެވެ.
ޖެނެރަލް ޕެޓްރޯޒް އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނާ މެދު ގޮތެއް ނުހަދައިފިނަމަ އިންޑިއާ އިތުރަށް ނުތަނަވަސްވެގެންދާނެކަމަށެވެ.
އިންޑިއާގެ ވާހަކަތައްވެސް ހުރީ މިފަދަ ރޫހެއްގައެވެ. އިންޑިއާގެ ސަރުކާރުގެ ސިޔާސަތަކީ "ފުރަތަމަ އަވަށްޓެރިން" ކަމުގައިވީ ނަމަވެސް ޕާކިސްތާނާ ގުޅުން ބަދަހިވެގެންދާ މަންޒަރެއް އަދި ނުފެނެއެވެ. އޭގެ ބަދަލުގައި، ފެނިގެންދިޔައީ ޓެރަރިޒަމްގެ ހިޔަނިވެސް ޕާކިސްތާނުގެ ފަސްގަނޑުން ފޮހެލުމަށް އިންޑިއާއިން ގޮވާލި މަންޒަރެވެ.