އިންޑިއާއާއި އެމެރިކާއަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވެފައިވާކަމަށާ، ދެ ގައުމުގެ ގުޅުން ދުވަހަކުވެސް މިހާރުހާ ވަރުގަދަ ވެފައި ނުވާކަން ޔަގީންކަމާއެކު ދަންނަވަން ކެރޭނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި އެމެރިކާއާއި ދެމެދު ވިޔަފާރިއާއި އިގުތިސޯދުގެ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައި ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޖަޕާނުގައި މިހާރު ކުރިއަށްދާ ޖީ ޓުވެންޓީ ސަމިޓްގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ބައިވެރިވާ ޖީ ޓުވެންޓި ސަމިޓްގެ ހަވާސާގައި މިއަދު ހެނދުނު މޯދީއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިންޑިއާއާއި އެމެރިކާގެ ގުޅުމަކީ އެކި ރޮނގުތަކުން ބަދަހިކުރެވިގެންދާނެ ގުޅުމެއް ކަމަށާ، އެގުޅުންތަކުގެ ތެރޭގައި އަސްކަރީ ބަދަހިކަންވެސް ހިމެނޭކަމަށެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރައްވާފައިވާ މޯދީއަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިންޑިއާގެ ވެރިކަމާ މޯދީ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު އެނގިވަޑައިގަންނަވާކަމަށާ، އޭރު ގައުމު އޮތީ ބައިބައިވެފައި ކަމަށާ، ނަމަވެސް މިއަދު އެކުގައި މަސައްކަތްކުރާތީ ފެނިވަޑައިގަންނަވާ ކަމަށެވެ. މަގާމުގެ ދެވަނަ ދައުރެއް މޯދީއަށް ހައްގުވާކަމަށާ، ގައުމު އެކަތިގަނޑަކަށް ހެއްދެވުމަށް މޯދީ ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވިކަމަށް ގަބޫލުފުޅުކުރައްވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްއާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، މަޝްވަރާކުރައްވަން ބޭނުންފުޅުވާ ބައެއް ދާއިރާތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދޭދޭ ގުޅުންތަކާ ދިފާއީ ގުޅުމުގެ އިތުރުން ފައިވް-ޖީގެ މައްސަލައާއި އީރާނުގެ މައްސަލައާއި ބެހޭ ގޮތުން ޓްރަމްޕްއާއި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަން މޯދީ ވަނީ ހާމަކުރައްވާފައެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއްގެ ހުވާ މޯދީ ކުރެއްވިފަހުން ޓްރަމްޕްއާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.