އައްޑޫ ޓާޝާރީ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ އިން ތުރުކީ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އެއް މިލިއަން ޑޮލަރުގެ ފަރުނީޗަރާއިި އެކްސެސަރީޒް ސަޕްލައިކޮށް އިންސްޓޯލްޓުކުރަން ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ ތުރްމަކްސް ޖޮއިންޓް ވެންޗާ ޕްރައިވެޓް ލިމިޓޭޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލު ކުރުމަށް އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއި ކުރެއްވި އިރު، ތުރުކީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް ބެރިސްކަން ގޮގެބަކަންނެވެ.

އަލްކޭ ތުރްމަކްސް ޖޮއިންޓްވެންޗާ ކުންފުންޏާ ހަވާލު ކުރި މި ކޮންޓްރެކްޓުގެ އަގަކީ 1،007،000 ޑޮލަރެވެ. މި މަޝްރޫއަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން އަދި ސައުދީ ފައުންޑް ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) ގެ ލޯނު އެހީގެ ދަށުން 9.9 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް 2.6 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.

ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ގަންނަން މި ކުންފުންޏާއި ހަވާލުކުރީ، 45 ދުވަހާއި 65 ދުވަހާ ދެމެދުގެ މުއްދަތެއް ދީފައެވެ. މި އެއްބަސްވުމުގެ ދަށުން ބައެއް ފަރުނީޗަރާއި އެކްސަސަރީޒް ރާއްޖެއިން ބޭރުން ގެންނައިރު، ބައެއް ތަކެތި ޕްރޮކިޔޯ ކުރަނީ ރާއްޖެއިންނެވެ. މި މަޝްރޫއުގެ ދަށުން ތުރްމަކްސް ކުންފުނިން އައްޑޫގައި އަލަށް ހުޅުވަން ތައްޔާރުވާ ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި އެކްސަސަރީޒް ސަޕްލައި ކޮށްދީ، އިންސްޓޯލްކޮށް ކޮމިޝަން ކުރާނެއެވެ. އަދި އެތަކެއްޗަށް ހޮސްޕިޓަލުގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.