އަންހެނަކު ހަށިގަނޑުތެރޭގައި ފޮރުވައިގެން މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ މި 28 އަހަރުގެ ދިވެހި އަންހެން މީހާ ޖަލަށް ވަންނަން އުޅުނީ އާއިލީ ބައްދަލުވުމަކަށް ކަމަށެވެ.

ފުލުހުން ބުނީ، އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށް ދާ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 15:10 ހާއިރު މާފުށި ޖަލުން ކަމަށެވެ.

މި އަންހެން މީހާ ހައްޔަރުކޮށް، ބަލައި ފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ބެލޫނަކާއި މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 13 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާއިރު، ޖަލަށް ވަގަށް އެއްޗެހި ވެއްދުމަކީ މިހާރު އާންމު ވެފައިވާ ކަމެކެވެ. އެގޮތުން، މިމަހު 12 ވަނަ ދުވަހު، މާލޭގެ ޖަލުގައި ހުރި ގައިދީއެއް ކޯޓަށް ހާޒިރު ކުރުމަށްފަހު އަނބުރާ ޖަލަށް ގެންގޮސް ޗެކް ކުރުމުގެ ތެރޭގައި އޭނާ އަރައިގެން ހުރި ފައިވާނުން ފޯނެއް ފެނިފައިވެއެވެ.

މިކަމާއި ގުޅިގެން، ފަހަކަށް އައިސް ގައިދީންނަށް ރައްދުކުރުމަށް ފޮނުވާ ތަކެތި މެދުވެރިކޮށް ޖަލަށް ވައްދަން ހުއްދަ ނުކުރާ ތަކެތި ވައްދަން މަސައްކަތް ކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރުކަމަށް ކަރެކްޝަން އިން ވަނީ ބުނެފައެވެ. އަދި މިފަދަ ކަންކަމަކީ ކަރެކްޝަން އިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުން ހުރި މިފަދަ ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް ކަރެކްޝަން ވަނީ އިލްތިމާސްކޮށްފައެވެ.