ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތައް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ،

އޭސީސީން ބުނީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭސީސީ އިން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތަކެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 65 މައްސަލައެއް ވަނީ ބަލާ ނިންމާފައިވާ ކަމަށާއި، މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 160 މައްސަލައެއް ބަލާ ނިންމާފައިވާނެ ކަމަށެވެ.

އޭސީސީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް

އޭސީސީން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން، ގާނޫނާއި ގަވާއިދާ ލާހިފުވުމުގެ ތުހުމަތުކުރެވޭ 63 މައްސަލައެއް ނިންމާފައި ވާއިރު، ތިންވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ކަމަށް އޭސީސީން ބުނެއެވެ. މީގެއިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ތުހުމަތުކުރެވޭ ތިން މައްސަލައެއް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބަލާ ނިންމާފައިވާނެ ކަމަށް އޭސީސީން ބުނެއެވެ.