މުސްލިމު ޒުވާން ފިރިހެނަކަށް، ހިންދޫންގެ ބަޔަކު ބޮޑެތި އަނިޔާތަކެއްދީ މަރާލި މައްސަލައާއި ގުޅިގެން، އިންޑިއާގެ މުސްލިމުން މުޒާހަރާކުރަން ފަށައިފިއެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރުމަށް ނުކުތް މީހުން ސިފަކުރި ގޮތުގައި، ހިންދޫން ހިންގާފައި އެވަނީ ޓެރަރިޒަމްގެ އަމަލެކެވެ.

ވައްކަމުގެ ތުހުމަތު ބޮލުގައި އަޅުވާ، ލާއިންސާނީ އަނިޔާ ދިނުމަށްފަހު މަރާލާފައިވަނީ އުމުރުން 24 އަހަރުގެ، ތަބްރޭޒް އަންސޯރީ ނަމަކަށް ކިއާ ޒުވާނެކެވެ.

ތަބްރޭޒްއަށް އިންސާފު ހޯދާދިނުމުގެ ނަމުގައި ކުރިއަށްގެންދާ މުޒާހަރާތައް 50 ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައި އޮތްއިރު، ބުދަ ދުވަހުގެ މުޒާހަރާތަކުގައި ބައިވެރިވީ ކިތަށް ސިޓީކަމެއް އަދި ކަށަވަރު ވާ ގޮތެއް ނުވެއެވެ.

ވެރިރަށް ދިއްލީއަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީސް ކައިރީގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިންވެސް ވަނީ މުޒާހަރާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އިންޑިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އާއި ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ދެކޮޅަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ތަބްރޭޒްގެ މަރާ ގުޅިގެން، ތުހުމަތު ކުރެވޭ 11 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ 2 އޮފިސަރަކު ވަނީ ޑިއުޓީން ސަސްޕެންޑްވެސްކޮށްފައެވެ.

ބޮޑުވަޒީރު މޯދީ ވަނީ، މިއަމަލު ހިންގި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދެވެންޖެހޭނެކަމަށް ގޮވާލައްވާފައެވެ. އަދި މި ޚަބަރު ލިބިވަޑައިގަތުމާއެކު "ތަދު" އިހުސާސްކުރެއްވޭކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދައްކާ ބައެއް ވާހަކަތަކަކީ އިންސާފުން އެއްކިބާވެފައިވާ ވާހަކަތަކެއް ކަމަށްވެސް މޯދީ ވަނީ ސިފަކުރައްވާފައެވެ.

މި މުޒާހަރާގައި އެހެން ދީންތަކުގެ މީހުންވެސް ބައިވެރިކަމަށް މައުލޫމާތު ލިބެއެވެ.