ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ ފޯ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމްއާ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

މިިނިސްޓަރު ޝާހިދު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ މެލްމްސްޓްރޮމްއާ އެކު ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، އެކި އެކި ދާއިރާތަކުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެެވެ.

އެގޮތުން، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި، މޫސުމީ ބަދަލުތަކާއި، ގާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްގުތަކާއި، އިގްތިސޯދީ ތަރައްގީއާއި އަދި އެނޫންވެސް ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިނިސްޓާރު ޝާހިދުގެ މި ދަތުރުފުޅުގައި، މިނިސްޓަރު ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއި ވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފައެވެ.