ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުންނަތާ ތިން މަސް ވާން ކައިރިވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލުތުފީ އެމްބަސީ އަށް ގޮސްފައިވަނީ މިދިޔަ އޭޕްރީލް މަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ މާކުރިން ކަމަށާއި އޭނާ އެމްބަސީގައި ހުންނަތާ ތިން މަސް ވާން ކައިރިވެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވާ ކަމަށެވެ. އަދި ދާދި ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީށް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަފުދެއް ލަންކާއަށް ކުރި ދަތުރުގައި ލުތުފީއާ ބެހޭ މައުލޫމާތު ލިބުނު ކަމަށާ ސަަރުކާރުން ވަނީ މި މައްސަލާގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލާފައި ކަމަށް އެ ނޫސްބަޔާނުގައިވެއެވެ.
ޕީޢެންސީން ބުނީ، ސަރުކާރުން ގަސްތުގައި ލުތުފީ ފޮރުވައިގެން އުޅުމަކީ ހާމަކަން ބޮޑު ގޮތެއްގައި އެނގެން އޮތް ހަގީގަތެއް ކަމަށެވެ. 19 ދިވެހިން ޝަހީދު ކޮށްލި ގާތިލަކު ފޮރުވައިގެން، ސިއްރުކޮށްގެން ހިންގާފައިވާ ޖަރީމާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ލުތުފީގެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނަކީ އެއްވެސް ތާކުންތާކު ނުޖެހޭ ނޫސްބަޔާނެއް ކަމަށާއި، އޭނާ ދެ މަސް ވަންދެން އެމްބަސީގައި ބަހައްޓާ، އެކަން ސިއްރު ކުރުމަކީ ނޮވެމްބަރު 3 ގައި ޝަހީދުވި، 19 އަބްތާލުންނާއި އެމީހުންގެ އާއިލާއަށް ވެފައިވާ އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު އަމަލެއް ކަމަށް ޕީއެންސީން ބުނެއެވެ. ޕީއެންސީން ބުނީ، ލުތުފީ ހޯދުމުގެ މަސައްކަތާއި މެދު ސުވާލު ކުރުމުން ސަރުކާރުން އެއްޗެކޭ ނުބުނެ ހަނު ހުރުމަކީ ސަރުކާރުގެ އިހްލާސްތެރި ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޕީއެންސީން ބުނީ، ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ލުތުފީ ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވާއިރު، މި ހަމަލާތަކާ ގުޅިގެން ދިވެހިންގެ ކަންކަން ވެސް ދެ ސަރުކާރުގެ ދެމެދުގައި ކުރި މަޝްވަރާތަކާއެކު ހައްލުކުރެވިފައި ވުމުން ލުތުފީ ގެންނަން ދަތިތަކެއް ހުރިކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ. އެ ޕާޓީން ބުނީ، ރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ރާއްޖެއާ ލަންކާއާ ދެމެދު އެއްވެސް ބައިލެޓްރަލް އެގްރީމަންޓަކަށް އޭގެ ސަބަބުން ބުރޫ އަރާނެ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް ދެ ގައުމުގެ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށެވެ.