2014 ވަނަ އަހަރު ޖެނުއަރީ އިން ފެށިގެން، މިއަހަރު ޖޫން މަހުގެ ނިޔަލަށް އަތުލައިފައިވާ މަސްތުވާތަކެތިން ޝަރީއަތަށް ކޮންމެހެން ބަހައްޓަން ޖެހޭ މިންވަރު ފިޔަވާ، އެހެން ހުރިހާ އެއްޗެއް މިއަދު ނައްތާލެވިފައިވާނެ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އަތުލައިގަނެވޭ މަސްތުވާތަކެތި އިޖުރާއާތްތަކުގެ ތެރެއިން ވެވޭ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނައްތާލުން ކަމަށާއި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މަސްތުވާތަކެތި ނައްތާލުން ތަންކޮޅެއް ލަސްވެފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ޖެނުއަރީ އިން ފެށިގެން، މިއަހަރު ޖޫން މަހުގެ ނިޔަލަށް އަތުލައިގެންފައިވާ މަސްތުވާތަކެތިން ޝަރީއަތަށް ކޮންމެހެން ބަހައްޓަން ޖެހޭ މިންވަރު ފިޔަވާ، އެހެން ހުރިހާ އެއްޗެއް މިއަދު ނައްތާލެވިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިއަދު ފުލުހުން ވަނީ 419.61 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ. މަސްތުވާތަކެތި ނައްތާލުމަށް މިއަދު ބޭއްވި ހަރަކާތަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިއީ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ޕްރޮގްރަމަށް އިސްކަންދޭ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުދުވަސް ތެރޭގައި ރާއްޖޭގެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ، ޒުވާން ޖީލު އެކަމުން ސަލާމަތް ކުރުމަށް ހެޔޮ ބަދަލެއް ގެނެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިސްކޮށް ހުންނަވާ، މަސްތުވާތަކެތި އަތުލައިގަނެ، އޭގެ ވިޔަފާރި ކުރާ މީހުން ހުއްޓުވުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.