ވަގުތީ ގޮތުން ބޭނުން ކުރުމަށް އެތެރެކުރި 10 ބޯޓެއްގެ އިމްޕޯޓް ޑިއުޓީ އަށް 39.7 މިލިއަން އަރައިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނީ، ބޭނުންކުރުމަށް ހުއްދަ ދީ، މުއްދަތު ހަމަވި 12 އުޅަނދެއް ރާއްޖެއިން އަނބުރާ ފޮވާލަން ނުވަތަ އުޅަނދުގެ ޑިއުޓީއަށްވާ ފައިސާ ދައްކަން އަންގާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ދެ އުޅަނދެއް ވަނީ އަނބުރާ ފޮނުވާލާފައި ކަމަށާ، އަނބުރާ ފޮނުވާނުލެވި ރާއްޖެގައި އޮތް 10 އުޅަނދަކަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ 39.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް އެފަރާތްތަކަށް އަންގާފައިވާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ވޭތުވެދިޔަ ތިން އަހަރު އެކި ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް 51 އުޅަނދެއް ރާއްޖެއަށް އެތެރެ ކޮށްފައި ވާއިރު މީގެތެރެއިން އުޅަނދު ބޭނުންކުރުމަށް ހުއްދަދީފައިވާ މުއްދަތު ހަމަނުވާތީ 37 އުޅަނދެއް އަދިވެސް ގެންދަނީ އުޅަނދު ގެނެވުނު ޕްރޮޖެކްޓްގެ މަސައްކަތުގައި ބޭނުން ކުރަމުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެކިއެކި ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށް ވަގުތީގޮތުން އިމްޕޯޓްކުރެވޭ އުޅަނދު ފަހަރަކީ އެތަކެތި އެތެރެކުރެވޭ ޕްރޮޖެކްޓެއްގައި އެކަނި ބޭނުންކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ޑިއުޓީ ފްރީ އެހެން ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް ޝަރުތުކޮށް ވަކި މުއްދަތަކަށް ގެނެވޭ ތަކެތި ކަމަށް ކަސްޓަމްސް އިން ވނަީ ބުނެފައެވެ. އަދި މިގޮތަށް ހުއްދަދީ، މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު އަނބުރާ ފޮނުވާލަން ޖެހޭ ކަމަށާއި، މި މުއްދަތުގެ ތެރޭގައި އުޅަނދު ފޮނުވާނުލެވޭ ނަމަ އުޅަނދުގެ އަގުން ދައުލަތަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތުން، ވަގުތީ ގޮތުން ބޭނުން ކުރުމަށް ވޭތުވެދިޔަ 2016 ވަނަ އަހަރު ނުވަ އުޅަނދަކަށް ހުއްދަ ދީފައި ވާއިރު އޭގެ ތެރެއިން ހަ އުޅަނދެއްގެ ވަގުުތީ ހުއްދައިގެ މުއްދަތު ހަމަވެ، ދެ އުޅަނދު ވަނީ އަނބުރާ ފޮނުވާލާފައެވެ. 2017 ވަނަ އަހަރު ވަގުތީ ގޮތުން ބޭނުން ކުރުމަށް 23 އުޅަނދަކަށް ހުއްދަ ދީ، ފަސް އުޅަނދެއްގެ ހުއްދައިގެ މުއްދަތު ހަމަވެފައި ވާއިރު 2018 ވަނަ އަހަރު 19 އުޅަނދަކަށް ވަގުތީ ހުއްދަ ދީ އެއް އުޅަނދެއްގެ ހުއްދައިގެ މުއްދަތު ވަނީ ހަމަވެފައެވެ. މި އުޅަނދު ތަކަށް ޑިއުޓީގެ ގޮތުގައި 2016 ވަނަ އަހަރު 22.6 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާއިރު، 2017 ވަނަ އަހަރު 10.10 މިލިއަން ރުފިޔާ ޑިއުޓީގެ ގޮތުގައި ދައްކަން ޖެހެއެެވެ. އަދި 2018 ވަނަ އހަަރު މި އުޅަނދުތަކުގެ ޑިއުޓީގެ ގޮތުގައި ދައްކަން ޖެހެނީ 7.08 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ވަނީ ބްރިޖުގެ ޕްރޮޖެކްޓްގައި ބޭނުންކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓާ ބެހޭ މައުލޫމާތު ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން، ކަސްޓަމްސް އިން ބުނީ މި ބޯޓު ކަސްޓަމްސްގެ ހުއްދަނެތި އެހެން ސަރަހައްދުތަކަށް ދަތުރު ކުރާކަމުގެ މައުލޫމާތު ލިބުމުން، އެ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލާ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، ކަސްޓަމްސްގެ އިޖުރާއާތްތައް ފުރިހަމަ ކުރުމަށްފަހު، އުޅަނދުގެ ވެރިފަރާތުން މިހާރު އެ އުޅަނދު ވަނީ އެހެން ފަރާތަކަށް ވިއްކާލާފައެވެ. މި އުޅަނދުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ މިދިޔަ މޭ މަހު 27 ވަނަ ދުވަހު ދައްކާ ހަލާސް ކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.