މާލެ ގްރޭންޑުން ބިއްލޫރި ފައިބާތީ ދަނބުރުއް މަގު (މާލޭ ގްރޭންޑްގެ އިރުމަތީ މަގު) ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، 4:03 ހާއިރު މާލެ ގްރޭންޑް ހަ ވަނަ ފަނގިފިލާގައި ހުރި ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، އެ އިމާރާތް ބެލެހެއްޓުމާއި ހަވާލުވެ ހުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މީހުން ގެނެސް ބިއްލޫރިތައް ނަގާފައެވެ.

މިއީ މާލޭ ގްރޭންޑްގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ.

މިއަދު މާލެ ގްރޭންޑުގެ ހަ ވަނަ ފަންގިފިލާއިން ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާއިރު، މިދިޔަ މޭ މަހު 27 ވަނަ ދުވަހު، މާލެ ގްރޭންޑްގެ ހަތަރު ވަނަަ ފަންގެފިލާއިން ވެއްޓުނު ބިއްލޫރި ގަނޑަކުން ޖެހި މީހަކަށް އަނިޔާވެފައި ވެސް ވެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ބިއްލޫރި ގަނޑުން ޖެހި 36 އަހަރުގެ އަންހެނެއްގެ އަތް ކުޑަކޮށް ކަފައިގެން ގޮސްފައި ވާކަމަށާ އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެެ.

މީގެ ކުރިންވެސް ވަނީ މާލޭގެ އިމާރާތް ތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވެފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ކޮތަޅަކުން ޖެހި ވަނީ ބިދޭސީ ކުޑަ ކުއްޖަކު ނިޔާވެފައެވެ.

މަގުތައް މައްޗަށް ވެއްޓޭނެ ގޮތަށް އެއްވެސް އެއްޗެއް ނުބެހެއްޓުމަށާ، މަސަތަކަތް ކުރާ ތަންތަނުގައި ހާއްސަކޮށް މިފަދަ ކަންކަމަށް ބެލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.