ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު އިސްމާއިލް ސޮފްވާން އެ ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ސޮފްވާން އިސްތިއުފާ ދެއްވީ، އޭނާ ދިގު މުއްދަތަކަށް ސިއްހީ ފަރުވާއެއް ކުރައްވަން ޖެހުމުގެ ސަބަބުން، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވެ، ވިދިވިދިގެން ސަލާންބުނަން ޖެހުމަކީ ދައުލަތުން އޭނާއާ ހަވާު ކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް ހުރަހެއް ކަމަށް އޭނާއަށް ފެންނާތީއެވެ.

ސޮވްފާން އިސްތިއުފާ ދެއްވަނީ ކަމަށް ވިދާޅުވެ، އިއްޔެ އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ، ބޮރޯޑްކޮމްގެ މެންބަރުކަމުގައި އޭނާގެ ފަރާތުން އެއްވެސް މެންބަރަކަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ރައްދު ކުރެވިފައި ނުވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ރިޔާސަތާއި ހަވާލުވެ، އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށް ވެސް ސޮފްވާން ވިދާޅުވިއެވެ.

މީގެ އިތުރުން ސޮފްވާން ވިދާޅުވީ، އޭނާ ސަލާން ފޮނުވި ނަމަވެސް، ދިގު މުއްދަތަކަށް އޮފީހަށް ހާޒިރު ނުވާ ސަބަބު ސާފު ކުރުމަށް ބޮރޯޑްކޮމް އިން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން އޭނާއާ ހަވާލު ކޮށްފައިވާ ނައިބު ރައީސް ކަމުގެ ޓައިޓަލްއާ ދޭތެރޭވެސް ގޮތެއް ކަނޑައަޅާފައި ނުވި ނަމަވެސް، ނައިބް ރައީސް ކަމުން އޭނާ ވާނީ އިސްތިއުފާ ދެއްވާފައި ކަމަށް ސޮފްވާން ވިދާޅުވިއެވެ.

ސޮފްވާން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން އިއްޔެ ވަނީ ފާސްކޮށްފައެވެ. އޭނާ މަގާމުން ވަކި ކުރުމަށް ކޮމެޓީ އިން ނިންމާފައި ވަނީ އޭނާ ބްރޯޑްކޮމް ގެ ނައިބު ގެ މަގާމުގައި ހުންނެވި ނަމަވެސް، ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަވާތާ 8 މަސް ވެފައި ވަނިކޮށެވެ. މިދިޔަ މަހު 17 ވަނަ ދުވަހާއި ހަމައަށް ވެސް ސޮފްވާން ހުންނެވީ ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުގެ މަގާމުގައެވެ.