ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެއަށް ގެނައުމަށް އުޒުރު ދައްކާނަމަ، ކޯޓަށް ހުށަހަޅައިގެން ތަންފީޒީ އަމުރެއް ފުލުހުންގެ މައްޗަށް ނެރުއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ ލުތުފީ ރާއްޖެއަށް އަނބުރާ ގެނައުމުގައި ގިނަ ގޮންޖެހުން ތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެ، ފުރަތަމަ ފަހަރަށް ލުތުފީގެ މައްސަލައިގައި ނެރުނު ބަޔާނާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ގާނޫނީ އިމުގެ ތެރެއިން ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ލުތުފީގެ މައްޗަށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަގުވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއާތްތަކެއް އެބަހުރި ކަމަށާއި، ސްރީލަންކާގައި ލުތުފީ ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެގައުމުގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކޮށްފައި ވުމުން، ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތަކެއް ހުރިކަމަށެވެ.

މި މައްސަލައިގައި އުމަރު ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަ ހުރީ "ބަފާ ކަލޭގެ ފަރާތުން އަންނަ" ގޮންޖެހުންތަކެއް ކަމަށެވެ. އަދި ރެޑް ނޯޓިސް އެއް އޮތުމަކީ އެއްވެސް ހުރަހެއް، އިތުރު ތަހުގީގެއް ނެތި ކުށްވެރިޔާ ވަގުތުން ދިވެހި ރާއްޖެއަށް ފޮނުވާދޭނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"އުޒުރު ދެއްކުމަކާ ނުލާ އަނބުރާ ރާއްޖެ ގެންނަވާ. ނޫން ނަމަ މައްސަލަ ކޯޓަށް ހުށަހަޅައިގެން ތަންފީޒީ އަމުރެއް ފުލުހުންގެ މައްޗަށް ނެރޭނަން،"
އުމަރު ނަސީރު

ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި އަމިއްލައަށް ހަވާލުވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. ފޮރިން މިނިސްޓްރީން ބުނީ މިދިޔަ ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެޖިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައި ވާ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

އަދި ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި ބޮންގޮއްވުމުގެ ހިތާމަވެރި ހާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމުން، މިކަމުގައި އިތުރު ހުރަސްތަކެއް ދިމާވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީ ބުނީ އާންމު ފަރުދަކު އަމިއްލަ އިހުތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާއްމުގޮތެއްގައި އަމަލުކުރާ އުސޫލާއި ހިލާފަށް، ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

https://www.facebook.com/UmarNaseerMV/posts/1338621222956676

ފޮރިން މިނިސްޓްރީން ބުނީ ލުުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކުރެވިފާ ވާކަމަށެވެ. އަދި އެކަށައެޅިފައިވާ ބައިނަލްއަގުވާމީ އިޖުރާއާތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުން ދާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.