ހެނދުނުގެ ސައިގަޑީގެ ކުރިން ކޮފީ ނޫނީ ސައްތައްޓެއް ބޯލުމަކީ ގިނަ މީހުންގެ ހަށީގައި ހިފާފައިވާ ކަމެކެވެ. ކޮފީ، ސައި ނުވަތަ ޖޫހާއެކު ބިސްކޯދު ކާ މީހުންނެވެސް މަދެއް ނޫނެވެ. ހަށިގަނޑަށް ބަލައިގެން އުޅުމުގެ ނިޔަތުގައި، ތިބާ މީހާ ބޯ ކޮފީ ތައްޓާ ސައި ތަށީގެ އަދަދު ގުނާ، އެއަށް ހަކުރު އަޅާ މިންވަރު ގުނާއިރު، ކެވެނީ ކިތައް ބިސްކޯދުތޯ، ނުވަތަ އޭގައި ހުންނަނީ ކޯއްޗެއްތޯ ބަލަނީ މަދު ބައެކެވެ. ނަމަވެސް މިއީ ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.

ބިސްކޯދަކީ އޭގައި ގިނަ އަދަދަކަށް ޕާމްއޮއިލް އެކުލެވޭ އެއްޗެކެވެ. ޕާމްއޮއިލްއަކީ ސައްތަ އިންސައްތަ ސަރުބީއެވެ. މާ ގިނައިން ޕާމްއިލް ބޭނުން ކުރާނަމަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވައެވެ. މިއީ އަގުހެވެއްކަމަކު، ބާޒާރުން ލިބެން ހުރި، ސިއްހަތަށް އެންމެ ނުރައްކާތެރި ތެލެވެ. ނަމަވެސް، ހުރިހާ ބާވަތެއްގެ ބޮސްކޯދުގައިހެން ޕާމްއޮއިލް ބޭނުންކޮށްފައި ހުރެއެވެ.

ދެން އޮތީ ފުށުގެ ވާހަކައެވެ. ގިނަ ފަހަރަށް ބިސްކޯދު ތައްޔާރުކޮށްފައި ހުންނަނީ އޯލްޕާޕަސް ފްލާ ނުވަތަ އާންމުކޮށް ގަންނަން މިލިބޭ ޒާތުގެ ފުށް ބޭނުންކޮށްގެންނެވެ. މިއީ ގޮހޮރަށް މާ ރަނގަޅު އެއްޗެއް ނޫނެވެ. ހުދުކުލާގައި ހުންނަ ފުށަކީ، އެ ފުށުގައި އެކުލެވޭ މުހިންމު ނިއުޓްރިއަންޓްސް ނައްތާލެވިފައިވާ ފުށެކެވެ. މިކަމުގެ ސަބަބުން މީހާ ފަލަކޮށްލައެވެ. ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު އިތުރުކުރުވައެވެ. ހިތުގެ ބަލިތަކަށް މަގުފަހިކުރުވާ، ހަޖަމް ކުރުމުގެ އުނދަގޫތަކާވެސް ކުރިމަތިކުރުވައެވެ.

ދެން އޮތީ ބިސްކޯދު ކެވޭ ވަރު ނޭނގޭ ވާހަކައެވެ. އެމެރިކާގެ ކެނެޓިކެޓްގައި 2013 ވަނަ އަހަރު ކުރި ދިރާސާއެއްގެ ހޯދުންތައް ދައްކާ ގޮތުގައި، ބިސްކޯދު ކެއުމަކީ، ކޮކޭންއާއި މޯފީން ފަދަ ބާރުގަދަ ޑްރަގް ބޭނުންކުރުމުގެ ސަބަބުން ސިކުނޑިއަށް ލިއްބައިދޭ ޒާތުގެ ހަމަޖެހުމެއް، އެ ކާ މީހާގެ ސިކުނޑިއަށް ވެރިކުރުވާ ކާއެއްޗެކެވެ. އެންމެ ބިސްކޯދެއް ކާލައިގެން ގިނަ ފަހަރަށް ހިތްހަމަނުޖެހޭ ގޮތްވަނީ މިހެންވެއެވެ. ނަތީޖާއަކަށްވަނީ، ކެވޭވަރުވެސް ނޭނގޭ ހާ ގިނައިން ބިސްކޯދު ކެވޭ ގޮތްވުމެވެ.

ކޮންސެންޝަސް އެކްޝަން އޮން ސޯލްޓް އެންޑް ހެލްތް (ކޭޝް) ބުނާ ގޮތުގައި 25 ގުރާމްގެ ބިސްކޯދު ޕެކެޓެއްގައި 0.4 ގުރާމު ލޮނުހުރެއެވެ. މާ ގިނައިން މިފަދަ ބިސްކޯދު ކާނަމަ، ލޭ މައްޗަށް ދިއުމަށް މަގުފަހިކުރުވައެވެ. އަދި ސްޓްރޯކްއާއި ހާޓްއެޓޭކްގެ ނުރައްކަލަށް މިހާ ހުށަހެޅިގެންދެއެވެ. މާގިނައިން ލޮނު ބޭނުންކުރުމަކީ އެނޫންވެސް ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިކުރުވާ ކަމެކެވެ.

މީގެ އިތުރުން ބިސްކޯދަކީ ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާނާއެއްކަމުން، އޭގައި ގިނަ އަދަދަކަށް ޕްރިޒާވެޓިވްސް ހިމަނާފައިވެއެވެ. މިއީ އިންސާނާގެ ލެޔަށް އެކަމުގެ ނުރައްކާ ކުރިމަތިކުރުވާ އެއްޗެކެވެ. ހަމައެހެންމެ، ޑީއެންއޭއަށް ގެއްލުންދޭ މާއްދާވެސް މީގެ ތެރޭގައި ހިމެނޭކަމަށް ހޯދުންތައް ދައްކައެވެ.

އެކިކަހަލަ ބިސްކޯދު އަޅާފައިވާ ތައްޓެއް/ފޮޓޯ: ސްޓޭޕަލްސް

އެންމެ ބުއްދުވެރި ގޮތަކީ މިފަދަ ތައްޔާރީ ކާނާތަކާ ދުރުވުމެވެ. ކޮންމެހެން ކާން ޖެހިއްޖެ ހިނދެއްގައިވެސް މެދުމިން ހިޔާރު ކުރުމެވެ. އަދި ފިހާރަ ފިހާރާގައި ވިއްކަން ހުންނަ ބިސްކޯދުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ބޭނުންކޮށްގެން، އަމިއްލަ ބަދިގޭގައި ބިސްކޯދު ތައްޔާރުކުރުން އެދެވިގެންވެއެވެ.