ސުލޫކީ މިންގަނޑާ ހިލާފުވުމުން، މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލާ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާ، މަޖިލީހަށް އެކަން ހުށަހަޅާފައި ވަނީ، އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ ހަޑި ހުތުރުބަހުން އެއްޗެހި ގޮވި މައްސަލައިގައެވެ.

ރަޝީދުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. އަދި އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނެއެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓުގެ އަޣްލަބިއްޔަތުންނެވެ.

ޖުޑިޝަރީ ކޮމިޓީއަށް ރަޝީދުގެ މައްސަލަ އިއްޔެގެ ޖަލްސާގައި ފޮނުވާފައިވަނީ އެ ނިންމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ހުށަހެޅުއްވުމުންނެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

ސުލޫކީ މައްސަލައެއްގައި، ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މިއީ ފުރަތަމަ ފަހަރެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަކީ ގާނޫނު އަސާސީން ހަމައެކަނި ޖޭއެސްސީއަށް މަތިކޮށްފައިވާ ޒިންމާ އެކެވެ.