ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެއަށް ގެނައުމުގައި ގިނަ ގޮންޖެހުން ތަކެއް އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ އަމިއްލައަށް ހާޒިރުވީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ އެމްބަސީއަށް ހާޒިރުވީ އަމިއްލަ އިހުތިޔާރުގައި ކަމަށާއި، އެތަނަށް ހާޒިރުވެ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއެކު، އެކަން ވާނީ ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ހިއްސާ ކުރެވިފައި ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެވަގުތުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ގާނޫނީ އިމުގެ ތެރެއިން ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ލުތުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައި ވާ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި ބޮންގޮއްވުމުގެ ހިތާމަވެރި ހާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމުން، މިކަމުގައި އިތުރު ހުރަސްތަކެއް ދިމާވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ނަމަވެސް ގޮންޖެހުން ތަކާއެކު، ފުރަތަމަ ދުވަހުން ފެށިގެން ލުުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފަށާ، އޭނާ ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދ އެކަށައެޅިފައިވާ ބައިނަލްއަގުވާމީ އިޖުރާއާތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުން ދާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.