4.9 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަސްޕެންޑް ކުރި ތިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ހިޔާނާތުގައި ޒިންމާ ނަގަންޖެހޭ މުވައްޒަފުންނާ މެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅުންހުރި ބައެއް މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، ފެންމަތިވި ހިޔާނާތާ ގުޅިގެން ބީއެމްއެލްގެ ދެ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ ދެމަފިރިއަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. ވަޒީފާއިން ވަކިކުރީ، އެ މައްސަލައިގައި ހިމެނޭ ބީއެމްއެލްގައި މަސައްކަތް ކުރާ ދެމަފިރިންނާއި އިތުރު މުވައްޒަފެކެވެ.

ބީއެމްއެލުން ބުނީ، ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ގަވާއިދުތައް ހަރުދަނާ ކޮށްފައިވާނެ ކަމަށާއި ބޭންކުގެ ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކޮށް އިންޓާނަލް ކޮންޓްރޯލްތައް ވެސް ގާއިމް ކޮށްފައިވާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވާއިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލުން މިދިޔަ ޖެނުއަރީ މަހު ހާމަކުރި ގޮތުގައި، އިންޓާނަލް އޮޑިޓުން މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފަކު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓާނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުން ކޮށްފައެވެ. އަދި މި މައްސަލައިގައި ހިޔާނާތްވެފައި ވަނީ ކަސްޓަމަރުން ޑިޕޮސިޓް ކޮށްފައިވާ ފައިސާއަށް ނޫން ކަމަށާއި، އެއީ ބީއެމްއެލްގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ފައިސާ ކަން ވެސް ވަނީ އެނގިފައެވެ.