1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އުޅޭތާ މިހާރު ދެމަސް ވާން ކައިރި ވެއްޖެއެވެ.

ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ރާއްޖެ ގެނެވޭތޯ ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ހަމީދު ވިދާޅުވީ، ލުތުފީ އެމްބަސީއާ ހަވާލުވީ މިދިޔަ މޭ މަހު 1 ވަނަ ދުވަހު ކަމަށާއި، އެ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން ކުރައްވްމުން ގެންދަވާ ކަމަށެވެ.

ލުތުފީ އެމްބަސީއާ ހަވާލުވިތާ މިހާރު ދެ މަސް ވާން ކައިރިވެފައި ވާއިރު އެކަން ހާމަ ނުކޮށް އޮއްވާ ކުރީގެ ހޯމް މިނިސްޓަރު އެކަން ހާމަ ކުރެއްވުމާ އެކު މިހާރު އޭނާ ރާއްޖެ ނުގެނެވި ހުރީ، އދގެ ސިސްޓަމްގެ ތެރެއިން ލުތުފީ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ހިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން ދިއުމާ އެކު ކުރިމަތިވި ދަތިތަކެއްގެ ސަބަބުން ކަމަށް ހަމީދު ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ނެތުމުން ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ބެލެހެއްޓުމުގެ ގޮތުން، އެ ގައުމުގެ ސިފައިން ވަނީ ހުރިހާ ގެތަކެއް ބަލައި ޗެކްކޮށްފައެވެ. އަދި އެ ޗެކް ކުރުމުގެ ތެރެއިން ގަވައިދާ ހިލާފަށް ވިސާ ނެތި ލަންކާގައި ދިރިއުޅޭ ދިވެހިންތަކެއް ލަންކާއިން ހައްޔަރުވެސް ކޮށްފައި ވާއިރު، އެއިން އެއްވެސް މީހެއްގެ ތެރޭގައި ލުތުފީއެއް ނުހިމެނެއެވެ. ނަމަވެސް، ލަންކާގައި ފިލައިގެން އުޅޭ ދިވެހިން ޕާސްޕޯޓާއި ވިސާ ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅާ ކަމަށާއި، ފިލައިގެން އުޅޭ މި މީހުން ލަންކާގައި އުޅެނީ ކޮން ހިސާބެއްގައި ކަން ބުނަން އެ މީހުން ބޭނުން ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ލުތުފީ އެމްބަސީގެ ބެލުމުގެ ދަށަށް ދިޔައީ މި ދަނޑިވަޅުގައެވެ.

ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1998 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.