ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކާ ގުޅިގެން އިލްކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީ އިން މަޖިލީހުގެ ކޮމިޓީތަކާ މަޝްވަރާ ކުރުމަށް ނިންމީ، ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތު ތަކެއް ހޯދުމަށް ތަކުރާރު ކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެދެމުން ދާތީއެވެ. އެގޮތުން އީސީއިން މަޝްވަރާ ކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއެވެ. މި ކޮމިޓީތަކާ މަޝްވަރާ ކުރުމަށް ނިންމާފައި ވަނީ އައިކޮމްގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށް، އެ ކޮމިޝަންގެ ނިންމުން ބަދަލުކޮށްފައި ނުވާތީ ކަމަށް އީސީން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އީސީގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުންޑޫ، އިސްދޫ ދާއިރާގެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް މުންޑޫ ކައުންސިލުން އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އިދާރީ ދާއިރާތަކަށް ބަދަލު ނުގެނައުމަށް ކޮމިޝަނުން ނިންމުމުން މުންޑޫ ކައުންސިލްގެ އެދުމާ އެއްގޮތަށް އެކަން ނިންމާފައި ނުވާކަމަށެވެ. އަދި އޭގެ ފަހުން މުންޑޫގެ ގިނަ ބަޔަކު ސޮއިކޮށް، މުންޑޫ މިހާރު ނިސްބަތްވާ ގަމު ދާއިރާއިން ވަކިވާން ބޭނުން ނުވާކަމަށް ބަޔާންކޮށް ޕެޓިޝަނެއް ހުށައަޅާފައި ވާކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެ ޕެޓިޝަނާ ގުޅިގެން، ޕެޓިޝަންގައި ސޮއިކުރި މީހުންގެ މައުލޫމާތު ހޯދުމަށް މުންޑޫ ކައުންސިލުން އެދިފައި ވާކަމަށާ ނަމަވެސް އެއީ ހިއްސާ ކުރެވެން ނެތް މައުލޫމާތެއް ކަމުން އެކަން އެގޮތަށް ކޮށްދެވެން ނެތްކަމަށް ކައުންސިލަށް އަންގާފައި ވާކަމަށެވެ. ޕެޓިޝަން ތައްޔާރު ކުރުމާއި، ފެޓިޝަންގައި ސޮއިކުރުމަކީ ގާނޫނީ ގޮތުން ލިބިދީފައިވާ ހައްގަކަށްވާތީ އެ ހައްގަށް އަރައިގަންނަ އެއްވެސް ކަމެއް ނުކުރުމަށް އީސީން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ޕެޓިޝަންގައި ސޮއިކުރި މީހުންގެ މައުލޫމާތު ހޯދަނީ އެމީހުންނަށް ފިޔަވަޅު އެޅުމަށް ކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަންގައި ސޮއިކުރި ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް އެކަން ހިއްސާ ކުރަމުން ދާކަމަށެވެ.
މީގެ އިތުރުން، އަކްރަމް ވިދާޅުވީ އޭގެ ފަހުން އެ މައުލޫމާތު ހިއްސާކުރުމަށް އައިކޮމުން އަންގާފައި ވާކަމަށާއި، ނަމަވެސް އެއީ އެތައް ބައެއްގެ ހައްގުތައް އެކުލެވޭ ކަމެއް ކަމަށްވާތީ އެ މައުލޫމާތު ހިއްސާ ނުކުރެވޭނެކަން އައިކޮމް އަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރުމަށް އިންޒާރުކޮށް އައިކޮމް އިން ސިޓީ ފޮނުވާފައި ވާކަމަށާ އެކަން އެގޮތަށް ނުކޮށްފިނަމަ އޯޕަން ހިއަރިން އަކަށް ދާނެކަމުގެ އިންޒާރުވެސް ދީފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.