ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެޕާޓްމަންޓުގެ ކުއްޔަކީ މަހަކު 11000 ރުފިޔާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. މި ފްލެޓުތަކުގެ ކުއްޔަށް 11000 ރުފިޔާ އަރާ ކަމަށް އެޗްޑީސީން ބުނެފައި ވާއިރު، އެއީ އެންމެ ފަހުގެ އަގު ނޫން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ، ސަރުކާރާ އެކު މި ފްލެޓްތަކުގެ ކުއްޔާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓުތަކުގެ ފިނިޝިން ޗާޖު (ނިންމުމުގެ ހަރަދު) ނުލާ ކަމަށާއި، މިހާރު ހުރިހާ ހަރަދުތަކެއް ހިމެނިގެން މި ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. މި ޕްރޮޖެކްޓަކީ ފައިނޭންސް ކުރުމަށް 100 ޕަސަންޓު ދަރަނީގެ ގޮތުގައި ނެގޭ ޕްރޮޖެކްޓެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން، މި ޕްރޮޖެކްޓަށް އިކިއުޓީގެ ގޮތުގައި ނެގޭ 15 ޕަސަންޓުގެ ލޯނު ނަގާފައިވަނީ ސްވިސް ބޭންކުން ކަމަށާއި، 85 ޕަސަންޓުގެ ލޯނު ނެގީ އައިސީބީސީ ބޭންކުން ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން އެޗްޑީސީން ބުނީ އިކިއުޓީގެ ގޮތުގައި އެޗްޑީސީގެ ނަމުގައި 65.1 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކަރުގެ ގެރެންޓީގައި ނަގާފައިވާނެ ކަމަށެވެ.

މި މަޝްރޫއު ޑިޒައިން ވެގެން އައިރު 7000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ބުނެފައިވީ ނަމަވެސް ހައުސިން ޔުނިޓްތަކުގެ ޖުމްލަ އަދަދަކީ 6860 ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ޔުނިޓްތަކުގެ ކޮންކްރީޓް ސްޓްރަކްޗާ އަދި މެޝިނަރީ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ މި މަޝްރޫއުގައި ހިމެނެނީ ހުސް ދެ ކޮޓަރީގެ އެޕާޓްމަންޓް ކަމަށެވެ.