މަސައްކަތަށް ނުނުކުންނަވާ މުސާރަ ނަންގަވަމުން ގެންދަވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.
މިހާރު ކުރިއަށްދާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ލުތުފީ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. ލުތުފީ ވަކިކުރަން ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ތިނަދޫ ދެކުނުު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެއެވެ.
ލުތުފީ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި އިރު، މިދިޔަ ފެބްރުއަރީ މަހު ޗުއްޓީ ނެންގެވި ގޮތަށް އޭނާ އޮފީހަށް ނުނުކުންނަވައެވެ. އޭނާ އޮފީހަށް ނުނުކުންނަވާ ގޭގައި މަޑުކުރެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. ނަމަވެސް އޭނާ ގޭގައި ހުންނަވައިގެން މުސާރަ ނަންގަވަމުން ގެންދަވާ ކަަމަށް އޭސީސީން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ލުތުފީއާ ގުޅޭ މަނީ ލޯންޑާ ކުރި މައްސަލައެއް މިދިޔަ ފެބްރުއަރީ މަހު ބަލަން ފަށާފައެވެ. ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން ހިންގި ކަމަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަން ކަށަވަރުކޮށް ދިނުން ފިޔަވައިި އިތުރު ވާހަކައެއް ފުލުހުން މިކަމުގައި ހާމަކޮށްފައެއް ނުވެއެވެ.