މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި 157 މައްސަލަައިގެ ތެރެއިން ކޮރަޕްޝަން ހިމެނެނީ އެންމެ މައްސަލައެއްގައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 157 މައްސަލައެއް ބަލާފައިވާ އިރު، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 288 މައްސަލަ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން، ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެއް މައްސަލަ ނިންމާފައި ވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ ތިން މައްސަލަ ކަމަށް އޭސީސީން ބުނެއެވެ.

"މި އަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 157 މައްސަލައިގެތެރެއިން، ކޮރަޕްޝަންގެ އަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 156 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 285 މައްސަލައެއް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތިގެން ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ،"
އޭސީސީ

އޭސީސީން ބުނީ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި އެކިކަންކަން އިސްލާހު ކުރުމަށް ޖުމްލަ 47 އިދާރާއަކަށް، 82 އެންގުން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގެތެރޭގައި ނިންމާފައިވާ މައްސަލަތަކާ ގުޅިގެން އެކި ކަންތައްތައް އިސްލާހު ކުރުމަށް ދައުލަތުގެ އެކި އިދާރާތަކަށް ޖުމްލަ 148 އެންގުމެއް އަންގާފައިވާނެކަމަށް އޭސީސީން ބުނެއެވެ.