ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމާ މަޖިލީހަށް އެކަން ހުށަހަޅާފައި ވަނީ، އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ ހަޑި ހުތުރުބަހުން އެއްޗެހި ގޮވި މައްސަލައިގައި ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފިއެވެ.
ޖޭއެސްސީގެ ތަހުގީގީ ރިޕޯޓް ވަނީ މިއަދު މަޖިލީހަށް އިއްވާފައެވެ. މި ރިޕޯޓުގައި ބުނެފައި ވަނީ، ރަޝީދުގެ ދިރިއުޅެމުންދާ ގޭ ކުރިމަތީގައި ހުރި ގދ. ތިނަދޫ ގުލްޝަންގޭ، އައިޝަތު އަލީއާ ދިމާލަށް އާންމު ތަނެއްގައި ހަޑިހުތުރު އެއްޗެހި ގޮވާ ޒިނޭކޮށް ނަހަލާލަށް ބަލިވެއިނދެ ދަރި ވައްޓާލާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި އެހިސާބު މީހުންގެ ކުރިމަތީގައި އަޑުގަދަކޮށް ހަޑިހުތުރު އެއްޗެހި ގޮވާ ހަޅޭލަވާފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ގދ. ތިނަދޫ ރޭވިލާގެ މުހައްމަދު ލަތީފެވެ. މި ޝަކުވާގައި މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ސެޕްޓެމްބަރު 4، 2013 ގައި ނިންމުމެއް ނިންމާފައިވާތީ، ފަނޑީޔާރު ރަޝީދާ ގުޅޭގޮތުން ތަހުގީގުކުރެވިފައިވާ ޝަކުވާއެއްކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ސުލޫކަކީ ވަކި ހުދޫދެއްގެ ތެރެއިން ބައްޓަން ކުރެވިފައި އޮންނަން ޖެހޭކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިި ލާޒިމްކޮށްފައިވާ ހިނދު އެއްވެސް އާންމު ފަރުދަކު އެއްވެސް މީހަކާ ދިމާލަށް މުހާތަބުކޮށްގެން ނުވާނެ ފަދަ ބޭއަދަބީ އަދި ހުތުރު ބަސްތަކެއް މެޖިސްޓްރޭޓަކު އާންމު ފަރުދަކާ ދިމާލަށް ކިޔައިފިނަމަ މިއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއްކަމަށް ބެލެވޭނެކަމަށް ބުނެފައިވެއެވެ.
އަދި މި ޝަކުވާއާއި ގުޅިގެން ތަހުގީގު ކޮމިޓީގެ ހެކިތަކަށް ރިއާޔަތްކޮށް ބަލާއިރު، ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މައްޗަށް ހުށަހަޅާފައިވާ މި ޝަކުވާ ސާބިތުވާކަމަށް ތަހުގީގުކުރި ކޮމިޓީގެ އިއްތިފާގުން ނިންމާފައިވެއެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާ (ފަނޑި ޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކި ކުރުން) ގެ (ހ) ގައި ބުނެފައިވަނީ ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެނެއް ނުވާނެއެވެ.
އަދި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލްނޫންކަމަށް، ނުވަތަ އެމަގާމާ އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައި ކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.