މޫސޫމާ ބެހޭ އިދާރާ މެޓް އޮފީހުން ރާއްޖޭގެގެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ގއ އަތޮޅުން އައްޑޫ ސީޓީއާ ދެމެދަށް، ހެނދުނު 7:50 އިން ފެށިގެން މެންދުރު 1:00 އާ ދެމެދު، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އަދި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި، މިދިޔަ ހަފްތާ ތެރޭގައި ދ. އަތޮޅު މާއެނބުދޫއަށް އުދަ އަރައި، އެރަށުގެ ބޮޑު ސަރަހައްދެއް ފެން ބޮޑުވެ މީހުން ދިރިއުޅޭ 8 ގެއަކަށް ފެން ވަދެފައި ވެއެވެ. އުދަ އެރުމުގެ ސަބަބުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ވަނީ އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ނ. މަނަދޫއާއި، ގދ. ފިޔޯރީ، ބ. އޭދަފިށީގެ އިތުރު ރ. އުނގޫފާރަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މާލޭގެ ކާނިވާ ސަރަހައްދުންނާއި ސިނަމާލެ ބްރިޖް ސަރަހައްދުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދާ ދިމާލުން ވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ.