ނިދަން އޮށޯތުމުގެ ކުރިން އީމެއިލް ބެލުމާ، މާ ދަންވަންދެކަށް ނެޓްފްލިކްސް އިން ވީޑިއޯ ބެލުމަކީ، ދަރިއަކު ނުލިބުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފިރިހެނުން ދުރުވާންޖެހޭ ކަމެއް ކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޑެންމާކްގެ އާހޫސް ޔުނިވާސިޓީއިން ކުރިއަށްގެންދިޔަ ދިރާސާ ބުނާ ގޮތުގައި، ރޭގަނޑު 10:30 ވުމުގެ ކުރިން ނިދާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ 4 ގުނަ އިތުރުވެ، ދަރިއަކު ލިބުމަށް މަގުފަހިކުރާ މިންވަރު އިތުރުކޮށްދެއެވެ. އަދި ރޭގަނޑުގެ ވަގުތުގައި 8 ގަޑިއިރުގެ ނިދި ހަމަކުރާ ފިރިހެނުންގެ ދަރިފަންޏަކީ، 7 ގަޑިއިރަށްވުރެ މަދުން ނިދާ މީހުންގެ ދަރިފަންޏަށްވުރެ "ދުޅަހެޔޮ" ދަރިފަނިތަކެއްކަންވެސް މިދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މާޔޫސްވެ ކަންބޮޑުވެފައި ހުރި ފިރިހެނެއް/ފޮޓޯ: އެންޑްރޯލޮޖީ ސެންޓާ

ދަރިމައިވުމުގެ ސިއްހަތާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، ދަރިއަކު ހޯދަން މަސައްކަތްކުރާ ދެމަފިރިންގެ ވިސްނުމާ ރޭގަނޑުގެ ވަގުތުގައި ކުޅެލާފާނެ ހުރިހާ ކަމަކުން ދުރުވާންޖެހޭކަމަށް މި ދިރާސާ އިރުޝާދުދެއެވެ. އޭގެ ތެރެއިންވެސް އީމެއިލްތައް ޗެކުކުރުމާ، ނެޓްފްލިކްސް އިން ވީޑިއޯ ބެލުން ވަނީ ވަކިން ހާއްސަކޮށް ފާހަގަކޮށްފައެވެ.

މިފަދަ ކަންކަމުން ދުރުވުމުގެ އިތުރަށް، ރޭގަނޑު 7 ގަޑިއިރަށްވުރެ މަދުން ނިދުމަކީވެސް ދަރިއަކު ހޯދަން މަސައްކަތްކުރާ ފިރިހެނަކަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސްކަމަށް މި ދިރާސާއިން ދޭހަވެއެވެ. އެގޮތުން، ރޭގަނޑުގެ ވަގުތުތަކުގައި 7 ގަޑިއިރަށްވުރެ މަދުން ނިދާ މީހުންގެ ދަރިފަނީގެ ކޮލިޓީ، އެނޫން މީހުންނަށްވުރެ 6 ގުނަ ދަށްކަމަށް ދިރާސާގެ ހޯދުންތަކުންވަނީ ސާބިތުވެފައެވެ.

ނިންޖަކީ ހޯމޯންސްއާއި އިންތިހާއަށް ކުޅެލާ ކަމެކެވެ. ނިދި މަދުވުމަކީ ހަށިގަނޑު ސްޓްރެސްވެ، ދިފާއީ ނިޒާމު އޮވަރިއެކްޓްކުރުމަށް މަޖުބޫރުކުރުވާ ކަމެކެވެ. ރައްދު ހަމަލާ އަމާޒުވެގެންދަނީ ދަރިފަންޏަށެވެ.

ކަންމިހެން އޮތްއިރު، ފާހާނައަށް ދިއުން ފަދަ ކަންކަން ކުރުމަށް ރޭގަނޑުގެ ވަގުތު ނިދާފައި އޮތުމަށް ފަހު ހޭލުމަކުން ދަރިފަނީގެ ކޮލިޓީއަށް ބަދަލެއް ނާންނަކަމަށްވެސް ޑެންމާކުގެ ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މި ހޯދުންތައް އާންމުކޮށްފައިވަނީ ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރީޕްރޮޑަކްޝަން އެންޑް އެމްބްރިޔޯލޮޖީގެ އަހަރީ ބައްދަލުވުމުގައެވެ.