އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ އެންމެ ބޮޑު ފެންކޯރު ކަމަށްވާ ޕުޒާލް ލޭކް އާދަޔާ ހިލާފަށް ހިނދެން ފަށައިފިއެވެ.
އެމެރިކާގެ "އާތާ" ވެބްސައިޓުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ޕުޒާލް ލޭކްގެ ފެންގަނޑު ހިނދެމުންދަނީ ކަންބޮޑުވާހާ ހަލުވި މިނެއްގައެވެ.
ފާއިތުވީ މަހެއްހާ ދުވަހަށް ބަލާއިރު ޗެންނާއީ ވަނީ އިންތިހާއަށް ފެނަށް ޖެހިފައެވެ. ޗެންނާއީ ފެނަށް ޖެހިފައިވަނީ މޫސުމީ ވިއްސާރަ ލަސްވެގެންކަމަށް މައުލޫމާތު ލިބެއެވެ.
ޓެމިލްނާޑޫ ސްޓޭޓްގެ ސަރުކާރުން އެކުލަވާލަފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޗެންނާއީގެ ފެނުގެ ރިޒާވްގެ ގޮތުގައި ބަލަމުން އަންނަ މައިގަނޑު 4 ސަރަހައްދުގައިވެސް މިހާރު ހުރީ އެންމެ %0.2 ފެނެވެ.
އެމެރިކާގެ "އާތާ" ވެބްސައިޓުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ޗެންނާއީގެ ފެންގަނޑުތައް ހިނދެމުންގޮސް ޗަކަ ބިމަކަށް ބަދަލުވެފައި ވާކަމަށެވެ. އެކަން އެހެން ހިނގާފައިވަނީ ރަނގަޅަށް ނުބެލެހެއްޓިގެން ކަމަށްވެސް މި ރިޕޯޓްގައި ތުހުމަތުކުރެއެވެ.
މީގެ އިތުރުން ފެނުގެ ރިޒާވް ހުސްވަމުންދާ ދިއުމުގެ ސަބަބުން 4.65 މިލިއަން މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ޗެންނާއީ ނުކުޅެދޭކަންވެސް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.
ތިމާވެށީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފެން ބޭނުންކުރުމުގައި އެކަށީގެންވާ މިންވަރަށް ސަމާލުކަން އޮންނަނީ ނުދެވިފައެވެ. ޗެންނާއީގެ ބިންގަނޑަށްވެސް މިކަމުގެ އަސަރުދަނީ ކުރަމުންނެވެ. ބިންގަނޑުން ފެން ހުސްވެ، ހަނަފަސްވެ، ފަޅަފަޅައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.