މުސްލިމު ފިރިހެނަކަށް ލާއިންސާނީ އަނިޔާދީ މަރާލި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށް އިތުރު 12 މީހަކު ހޯދަމުންދާކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.

އުމުރުން އެންމެ 24 އަހަރުގެ ތަބްރޭޒް އަންސޯރީގެ ގައިގައި ގުރޫޕަކުން ތަޅާ މަންޒަރު ފެންނަ 10 މިނެޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ. ބެލެވޭ ގޮތުގައި އަންސޯރީގެ ގައިގައި ތަޅަމުންދަނީ ހިންދޫންގެ ގުރޫޕަކުންނެވެ. އެމީހުން އޭނާގެ ގައިގައި ތަޅަމުންދިޔައީ، އޭނާގެ ބޮލުގައި ވައްކަމުގެ އިލްޒާމް އެޅުވުމަށް ފަހުގައެވެ. އަންސޯރީ މަރުވެފައިވަނީ، އެ އަނިޔާތަކުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ހިންދޫއިންވަނީ، ކޮޅަށްޖަހާފައިވާ ހޮޅިދަނޑިއެއްގައި އަންސޯރީ އެއްސުމަށްފަހު ހިންދޫ ދީނުގައި އެބައި މީހުންގެ "ކަލާންގެ"އަކަށް "ސަނާ" ކިއުމަށް އަންސޯރީއަށް މަޖުބޫރުކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ކާރްތިކް އެސް ވިދާޅުވީ، 12 ގަޑިއިރެއްހާއިރު ވަންދެން އަވަށު މީހުން އޭނާގެ ގައިގައި ތެޅިކަމަށާ، އެއަށްފަހު އެންމެ ފުރަތަމަވެސް އޭނާ ގެންދެވުނީ ފުލުހުންގެ ބެލުމުގެ ދަށަށް ކަމަށެވެ. ހޮސްޕިޓަލަކަށް އޭނާ ގެންދިޔައީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށް ފަހުގައި ކަމަށްވެސް އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.

މިމައްސަލަ ފެންމަތިވެފައި މިވަނީ، ހިންދޫންގެ ބާރު އޮންނަ ބާރްތިޔާ ޖަނާތާ ޕާޓީގެ ވެރިކަމުގައި، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ލީޑާޝިޕްގެ ދަށުން، އިންޑިއާގައި ދީނީ ހަމަނުޖެހުންތައް އިތުރުވެ، އިންޑިއާގެ އާބާދީގައި ނިސްބަތުން ބައި މަދު މީހުންނަށްކުރާ ފުރާސަރައާއި ލާއިންސާނީ އަނިޔާ އިތުރުވެފައިވާކަމަށް ބުނެ އެމެރިކާގެ ހާރިޖީ ވުޒާރާއިން ނެރުނު ރިޕޯޓަކަށް އިންޑިއާއިން އިންކާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކަންމިހެންއޮތްއިރު އިންޑިއާގެ ސަރުކާރުގެ އިސްވެރިން ގެންދަވަނީ، ދީނީ ދެބަސްވުންތަކާ ހަމަނުޖެހުންތަކުގައި ސިޔާސީ ކުލަ ނުޖެއްސުމަށް ގޮވާލައްވަމުންނެވެ.