ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލައިގައި ސަސްޕެންޑް ކުރި އދ. މާމިގިލީ މެޖިސްތްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ސަސްޕެންޝަން އުވާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން ނިހާން ގެ ސަސްޕެންޝަން އުވަލުމަށް ނިންމާފައިވާކަމަށް އިއުލާން ކޮށްފައި ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.
ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ހައްޔަރު ކޮށް، ރަހީނު ކުރަން އުޅުމުގެ ތުހުމަތުގައި، ނިހާން ގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ.
ނިހާންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ނިހާން ދޫކޮށްލެވެން ނެތްކަމަށް ބުނެފައެވެ.
ނިހާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށް އޭނާ ދޫކޮށްލީ 2018 ނޮވެންބަރު 21 ގައި އޭނާގެ މައްޗަށް ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.