ސުޕްރީމް ކޯޓުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިމިގްރޭޝަނުގެ މައްޗަށް ވަގުތީ އަމުރު ނެރެފިއެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އަދީބު މިނިވަން ކުރުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ސުޕްރީމް ކޯޓުގެ އަމުރުގެ މަގުސަދު އޮޅޭ ގޮތަށް ކޮށްފައިވާ އަމުރެއް ކަމަށާ، ހައިކޯޓުން ކޮށްފައިވާ ހުކުން ބާތިލު ކުރުމަށް ދައުލަތުން އެދިފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށް ވަނީ ނިންމާފައި ކަމަށެވެ.
އަދި ދައުލަތުގެ ފަރާތުން މި މައްސަލައިގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން އަމަލު ކުރަން ޖެހޭ ދުސްތޫރީ އަދި ޝަރުއީ ގާނޫނުގެ އުސޫލުތަކުގެ މައްޗަށާ، އަދި މިމައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށް ފަހު، މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެއް، ނުވަތަ ވަކި ގޮތެއް އަންގަންދެއް އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިމިގެރޭޝަނުގެ މައްޗަށް ވަގުތީ އަމުރު ނެރޭ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
އަދީބާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އިންޑިއާއަށް ފުރާވަޑައިގަތީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދީބު އާއިލާއިން ބުނާ ގޮތުގައި އޭނާ އިންޑިއާއަށް ވަޑައިގެންފައި ވަނީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ފަރުވާ ހޯއްދެވުމަށްޓަކައެވެ. އަދި މި ބައްޔައް ރާއްޖެއިން އިތުރަށް ފަރުވާ ދެވެން ނެތެ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވާކަމަށްވެސް އެ އާއިލާއިން ވަނީ ބުނެފައެވެ.
ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް އުފުލި ދައުވާ ތަކުގައި 33 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ހުކުމެއް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އަދީބު އިންޑިއާއަށް ވަޑައިގަންނަވާ އިރު އޭނާގެ މައްޗަށް އޮތީ ކޯޓުގެ ހުރުމަތް ކަނޑުއްވައިގެން އައިސް އޮތް 15 ދުވަހުގެ ހުކުމެކެވެ.
އަދީބު ބޭސް ފަރުވަ ނިންމެވުމަށް ފަހު މިމަހުގެ 26 ގައި މާލެ ވަޑައިގަންނަވަން ޖެހެއެވެ.