ބައިނަލްއަގުވާމީ ފިލްމީ ބަތޮލާ ޕްރިޔަންކާ ޗޯޕްޅާއަކީ ފެޝަންގެ ދުނިޔޭގައި ރަންޏެކޭ އޭނާގެ ފޭނުން ބުނަމުންދަނީ ސަބަބެއް ނެތިއެއް ނޫންކަން، ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވަމުންދާ ފޮޓޯތަކަށް ބަލާލުމުން އެހުރީ ފެންނާށެވެ.
ޕީސީގެ ޅިޔަނުކަމަށްވާ ޖޯ ޖޮނަސްއާއި ސޯފީ ޓާނާގެ ކައިވެނީގެ ކަންކަމުގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އަވަދިނެތި އުޅެމުންދާ ޕްރިޔަންކާގެ ފޮޓޯ ސޯޝަލްމީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ އޭނާ ހިފައިގެން ހުރި އަތްދަބަހެވެ.
ޕީސީ ހިފައިގެން ހުރީ، ފެޝަންގެ ދުނިޔޭގައި އެންމެ ނަން ހިނގާ އެއް ލޭބަލް ކަމަށްވާ ކްރިސްޗަން ޑިއޯގެ ލޭބަލް ޖެހި ކަނޑުނޫ ކުލައިގެ ދަބަހެކެވެ. މި ދަބަހަކީ، ސެލެބްރިޓީންގެ މެދުގައި އިންތިހާއަށް މަގުބޫލު ދަބަހަކަށްވެއްޖެއެވެ. "އޭ-ލިސްޓް" ތަރިންކަމަށްވާ ރިއާނާ އާއި ބެލާ ހަދީދް ފަދަ ތަރިންވަނީ އެމީހުންގެ ނަންޖަހައިގެން މި މޮޑެލްގެ ދަބަސް ކަސްޓަމައިޒްކޮށްގެން ހަދާފައެވެ. ބޮލީވުޑަށް ބަލާއިރު، ކަންގަނާ ރެނޯޓްއާއި ކަރީނާ ކަޕޫރުގެ އަތުންވެސް މި ދަބަހުގެ ވިދުންގަނޑު ވަނީ ފެނިގެން ގޮސްފައެވެ.
މި ދަބަހަކީ އެމްބްރޮއިޑަރީގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނަ ދަބަހެއް ކަމަށް ގިނަ ބަޔަކު ބުނާއިރު، މިއިން ދަބަހެއްގެ އެމްބްރޮއިޑަރީ މަސައްކަތަށް 37 ގަޑިއިރު ހޭދަވާކަމަށްވެއެވެ. އަތުން މާ ޖަހާ އުސޫލުން ފަރުމާކޮށްފައިވާ މި ދަބަހުގެ ޑިޒައިން ފުރިހަމަކުރުމަށް 1.5 މިލިއަން ފަހަރު ރޮދިޖަހާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ބާޒާރުގެ އެންމެ ފަހުގެ އަގުތަކަށް ބަލާއިރު ޕީސީ އަތުގައި އޮތްކަހަލަ ދަބަހެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 2738 ޑޮލަރަށްވުރެވެސް މަތީގައެވެ.