އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެެ.

އޭސީސީއަށް މެންބަރުން ހޮވުމަށް ރައީސް އޮފީހުން އިއުލާންކޮށްފައިވާ އިރު، މަސައްކަތަށް ނުނުކުންނަވާ މުސާރަ ނަންގަވާ މައްސަލައިގައި އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިދިޔަ ބުދަ ދުވަހު ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި ވަޒީފާ އަށް ނުނިކުންނަވައި މުސާރަ ނަންގަވަމުންދާ މައްސަލައަކީ މަގާމުން ވަކިކުރެވޭނެ މައްސަކައެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަދަ ހާލަތެކެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭސީސީގައި މިހާރު ހިމެނޭ 5 މެންބަރުންގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް 5 މެންބަރުން އައްޔަން ކުރުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ މަހުގެ އެކެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭސީސީގެ ގާނޫނުގައި ބުނާ ގޮތުން ކޮމިޝަނަށް ކުރިމަތިލާ މެންބަރަކީ މުސްލިމަކު ކަމުގައިވުމާއި، ދިވެހިރައްޔިތަކު ކަމުގައިވުމާއި، އުމުރުން 25 އަހަރު ވެފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށް މި ގާނޫނުގައި ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، ލިޔުންތަކާއެކު ރައީސް އޮފީހަށް ހުށަހެޅުމަށް އެދިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ރައީސް އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިގްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.