މެދުރާއްޖެތރޭ ސްކޫލެއްގެ ދިވެހި ފިރިހެން ޓީޗަރަކު އެކި ފަހަރު މަތިން ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މެދުރާއްޖެތެރޭ ރަށެއްގެ ސުކޫލެއްގެ 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު އެ ސްކޫލުގެ އަންހެން އަދި ފިރިހެން ކުދިންތަކަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ޓީޗަރު ހައްޔަރުކޮށްފަައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ. އަދި މި މައްސަލައިގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް އިއްޔެ ދީފައިވާ ކަމަށާ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ. ޖެންޑާ މިނިސްޓްރީން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި ޓީޗަރަކު ކުދިންތަކަކާ ޖިންސީ ގޯނާކުރި ކަމުގެ ރިޕޯޓެއް ލިބުމާއެކު، އެ މިނިސްޓްރީން ވަނީ އެ މައްސަަލަ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށްދާ އިރު، މިނިސްޓްރީން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މައްސަލައިގައި ކުޑަކުދިން ހިމެނޭތީ ފުލުހުން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮންރަށެއް ކަމާއި ކޮން ސްކޫލެއް ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.