މައުންޓް އެވަރެސްޓްވެސް އެ ފަރުބަދަބަރީގައި ހިމެނޭ ހިމާލަޔާސް ފަރުބަދަބަރިއަށް އަރަން އުޅުމުގެ ތެރޭގައި މިދިޔަ މަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ 7 މީހުންގެ ހަށިގަނޑު ނަގާފައިވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސަބްކޮންޓިނެންޓްއާއި ޓިބެޓަން ޕްލެޓޫ ވަކިވާ ހިސާބުގައި އޮންނަ މި ބިޔަ ފަރުބަދަބަރިއަށް އަރަން އުޅުމުގެ ތެރޭގައި މިދިޔަ މަހު ގެއްލުނު މީހުންގެ ތެރެއިން 8 ވަނަ މީހެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ގުރޫޕެއްގެ ގޮތުގައި މި ފަރުބަދަބަރިއަށް އަރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 4 މީހަކާ، އެމެރިކާ 2 މީހެއްގެ އިތުރުން އޮސްޓްރޭލިއާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބެލެވޭ ގޮތުގައި ދެން ހުރި މީހަކީ، އެމީހުންގެ ގައިޑެއްގެ ގޮތުގައި އުޅުނު އިންޑިއާ މީހެކެވެ.

ބެލެވޭ ގޮތުގައި މިމީހުން މަރުވެފައިވަނީ، ފަރުބަދަ މަތިން ބައެއް ކަނޑައިގެން ގޮސް މިމީހުންގެ ގަޔަށް އެ ބައިތައް ފޭބުމުގެ ސަބަބުން ކަމުގައިވާއިރު، މިމީހުންނާ އެންމެ ފަހުން ގުޅިފައިވަނީ މި ހާދިސާ ހިނގުމުގެ 1 ދުވަސްކުރިން، މެއި 26 ވަނަ ދުވަހުއެވެ.

ގުރޫޕެއްގެ ގޮތުގައި އަރަން އުޅުމުގެ ތެރޭގައި މަރުވެފައިވަނީ އެ ޓީމުގެ ބައެއް މެމްބަރުން ކަމަށް ވިއަސް، މިމަހުގެ ކުރީ ކޮޅު 4 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކޮށްފައެވެ.

މި ގުރޫޕުން މަރުވި މީހުންގެ ހަށިގަނޑުތައް މިމަހު ކުރީކޮޅު ފެނުނު ނަމަވެސް، ހެލިކޮޕްޓަރު ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ރެސްކިއު މިޝަންއަށް ދިމާވި އެކި ސަބަބުތަކާއެކު މިހާތަނާ ޖެހެންދެކަށް މި ހަށިތައް ނެގޭ ގޮތް އޮތީ ނުވެފައެވެ.