15 އަހަރުގެ ފިރިހެން ކުއްޖަކަށް ބަލިވެ އިން 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިފިއެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ މެދު ރާއްޖެތެރޭގެ އާބާދީ ބޮޑު ރަށެއްގައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިކަން ހިނގައިގެން އުޅޭތާ 7 ދުވަސް ވެއްޖެ ކަމަށެވެ. އަދި އެ އަންހެން ކުއްޖާ ވިހެއީ އެރަށު ހޮސްޕިޓަލުގައި ކަމަށާއި، ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ދެކުދިންނަކީ ރައްޓެހިވެގެން އުޅޭ ދެކުދިން ކަމަށެވެ. އަދި އަންހެން ކުއްޖާ އަކީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ކުއްޖެއް ކަމަށެވެ. ފިރިހެން ކުއްޖާ އަކީ މި އަހަރު އޯލެވެލް ހަދާ ކުއްޖެއް ކަމަށެވެ. މީގެ އިތުރުން، އެކުދިން ރައްޓެހިވެގެން އުޅުމުގައި ދެ އާއިލާއިން ވެސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

އެރަށު ހޮސްޕިޓަލްގެ މެނޭޖަރު "ދަޕްރެސް" އަށް ވިދާޅުވީ އެފަދަ މައްސަލައެއް އުޅޭނަމަ އެކަން ކަމާބެހޭ ފަރާަތްތަކުން ބަލަމުންދާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާ އެކަން ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ އިރު އެ މައުލޫމާތު ހޮސްޕިޓަލުން ނުދެވޭނެ ކަމަށާއި، އެކަން ޖެންޑާ މިނިސްޓްރީ, ނުވަތަ ފުލުހުންނަށް ގުޅައިގެން ސާފު ކުރުމަށެވެ. ނަމަވެސް އެ ވާހަކަ އޭނާ ދޮގެއް ނުކުރެއެވެ.

މި މައްސަލައިގައި ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބިފައި ނުވެއެވެ. 16 އަހަރުގެ އަންހެން ކުއްޖަކު ވިހާފައިވާ އިރު، މިދިޔަ މެއި މަހުގައި ވެސް 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް އޭނާ ވިހެއި ކުއްޖާ ވަނީ މަރުވެފައެވެ.