މާފުށީ ޖަލުގެ ގޮޅިތައް ބަލާ ފާސްކުރުމުގެ ތެރޭގައި ހަތިޔާރެއްގެ ގޮތަށް ބޭނުންކުރުމަށް ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކާއި އަށް ފޯނު ފެނިފައިވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

މުނާޒު މިހެން ވިދާޅުވެފައިވަނީ ކ. މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓްގެ ކެމެރާތައް ތަޅާލާފައިވުމުން ޖަލުގެ ސަލާމާތަށް ނުރައްކާވާ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓް ބަލާ ފާސްކުރުމަށް މިއަދު ހިންގި އޮޕަރޭޝަނަށް ފަހު އެތަނުން ފެނުނު ކަމަށް ބުނާ ތަކެތީގެ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

މުނާޒު ވިދާޅުވީ މިއަދު ބަލާ ފާސްކުރެވުނު މާފުށީ ޖަލުގެ ޔުނިޓްގެ ގޮޅިއަކުން ފެނިފައިވަނީ، ގޮޅިން ނައްޓާލާފައިވާ ތޭރި ދަގަނޑަކާ، އެނބުރި ދަގަނޑުން ތައްޔާރުކޮށް ކޮޅު ތޫނުކޮށްފައި އޮތް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށެވެ. އަދި މީގެ އިތުރުން އަށް ފޯނު ފެނިފައިވާ ކަމަށް މުނާޒު ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން މިއަދަށް މެދުކަނޑާލަމުން އެ މިނިސްޓްރީން ބުނެފައިވަނީ މާފުށީ ޖަލުޖައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށްދިޔައީ އަމާންކަމާއެކު ކަމަށެވެ. އަދި ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު މި އޮޕަރޭޝަންގައި ހޯދިފައިވާ އިރު، އެތަކެތި މިހާރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެދަށަށް ގެންދެވިފައި ކަމަށެވެ.

މިއަދު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހޯމް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ކޮމިޝަނާ އޮފް ޕްރިޒަންސްއާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ ހާޒިރުގައެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު އޯޑިއޯ އަދި ވީޑިއޯ ރިކޯޑް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ޖަލުގެ ކަންކަން އާންމު ހާލަތުގައި ދެމެހެއްޓުމަށް އެކި ކަހަލަ ގޮން ޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަން ހޯމް މިނިސްޓްރީން ފާހަގަކުރެއެވެ. މި ހަމަނުޖެހުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކަކަށް އަނިޔާވެފައިވާއިރު، ހަތް ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އަދި މި ހަމަނުޖެހުމުގައި ގައިދީންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަން ކަރެކްޝަންސް އިން ދޮގުކުރެއެވެ.