އުމުރުން 14 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދާތާ ހަ ދުވަސް ވެއްޖެއެވެ.
އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށް ބުނެފައި ވާއިރު އެ ކުއްޖާ އާ ބެހޭ މާ ގިނަ މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ. އަދި 6 ދުވަސް ވީ އިރު ކުރިއެރުމެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް ނުބުނެއެވެ.
ގެއްލިގެން ހޯދަމުން ދަނީ ޝައިމް އަބްދުﷲ ނަމަކަށް ކިޔާ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ އަންގާރަ ދުވަހު ކަމަށް މައުލޫމާތު ލިބޭ އިރު، މިކަމުގައި ކަމާ ބެހޭ މުއައްސަސާތަކުން މީޑިއާ ތަކުގެ އެހީތެރިކަން ވެސް ހޯދާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
މި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ ފަރާތަކުން މިހާތަނަށް އާންމުކޮށްފައި ނުވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ޝައިމް ގެއްލިގެން އުޅޭކަމަށް ބުނެ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ބުނެފައިވަނީ ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށެވެ. އަދި ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ ކަމަށެވެ.
ފުލުހުން ބުނީ މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ. އަދި ޝައިމް ޢަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅާ ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޝައިމް ގެއްލިގެން ގެއެއް ބަލާ ފާސްކުރުމަށް ނެރިފައިވާކަމަށް ބުނާ އަމުރެއް ވަނީ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައެވެ.
މި ކޯޓު އަމުރު ނެރެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 9:29 ގައި ކުޑަކުދިންގެ ހިޔާއިން ޝައިމް ފިލައިގެން ގޮސްފައިވާ މައްސަލައިގައި ގެއެއް ބަލާ ފާސްކުރުމަށެވެ. އަދި ގަރީނާއެއްގެ ގޮތުގައި ބުނެފައިވަނީ ޝައިމް ފިލައިގެން ގޮސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާއިން ބުނެފައިވާ ކަމަށެވެ.
ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ މިކަން ދޮގުކޮށްފައެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން ކަމަށް ބުނެ ހޯދަމުންދާ ޝައިމް އަކީ ހިޔާގައި ހުރި ކުއްޖެއް ނޫން ކަމަށެވެ.