މާފުށި ޖަލުގެ ބައެއް ޔުނިޓްތަކުން ނުރައްކާ ތަކެތި ހޯދަން ބަލާ ފާސްކުރި އިރު ޖަލު ތެރޭގައި ހުރެގެން ނުވާނެ ސާމާނު ހޯދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދު ކޮށްފައިވާ ޔުނިޓުގެ ކެމެރާތައް ތަޅާލާފައި ވުމާއެކު ޖަލުގެ ސަލާމާތަށް ނުރައްކާވާ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓް ބަލާ ފާސްކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހުގައެވެެ.
ހޯމް މިނިސްޓްރީން ބުނީ މާފުށީ ޖަލުގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ދިޔައީ އަމާން ކަމާއެކު ކަމަށާއި ޖަލުގެ ތެރޭގައި ހުރެގެން ނުވާނެ ސާމާނު މި އޮޕަރޭޝަންގައި ހޯދިފައިވާ ކަމަށެވެ.
ނަމަވެސް ހޯދި ސާމާނުގެ ތަފްސީލެއް ހޯމް މިނިސްޓްރީން ނުދެއެވެ. އެ މިނިސްޓްރީން ބުނީ އެތަކެތި މިހާރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ.