ދިވެހިރާއްޖޭގެ ކުށްވެރިން އިންޑިއާގައި ފިލައިގެން އުޅޭ ނަމަ، އަނބުރާ ރާއްޖެ ގެނައުމަށް އިންޑިއާގެ އެހީތެރިކަން ލިބޭގޮތަށް ދެގައުމުން އެއްބަސްވި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމާ މެދު 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މި އެއްބަސް ވުމަކީ ނިމިގެން ދިޔަ 18 ވަނަ މަޖިލީހަށް ހުށަހަޅާ ގޮތް ނިންމާފައި ނުވާ މައްސަލައެކެވެ. އަދި މި ސަރުކާރުން ވަނީ 19 ވަނަ މަޖިލީހުން އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާދީ، އެކަން ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށެވެ.

މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. ދިހަ ދުވަސް ތެރޭގައި އެއްބަސްވުމުގެ މަސައްކަތް ނިންމަން އުޝާމް ހުށަހެޅުއްވުމުން، އޭނާގެ ހުށަހެޅުއްވުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ފާސް ކުރުމަށް ފަހު އެއްބަސްވުން ދިރާސާ ކުރަން ތިން މެމްބަރުންގެ ކުޑަ ކޮމިޓީއެއް ވެސް ނަގާފައިވެއެވެ.

ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުން ދިރާސާކުރަން އެކުލަވާލި ކުޑަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އުޝާމްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފު ވިދާޅުވީ މި އެއްބަސްވުމަކީ ކުށްވެރިން ބަދަލު ކުރުމާއި، ފިލައިގެންދާ ކުށްވެރިން އަނބުރާ ފޮނުވުމާއި، އެފަދަ ކުށްވެރިންގެ މުދާ އެގައުމެއްގައި ހުރި ނަމަ އަތުލުމުގެ ކަންކަން ހިމެނޭ އެއްބަސްވުމެއް ކަމަށެވެ. މީގެ އިތުރުން އެ އެއްބަސްވުމުގައި ވަނީ ޓެރަރިސްޓު އަމަލުތަކާއި، ގާނޫނާ ހިލާފު ބޮޑެތި މާލީ މައްސަލަތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމުގެ ވާހަކަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމިޓީން ނިންމީ ތިން މެމްބަރުންގެ ކުޑަ ކޮމިޓީން އެ އެއްބަސްވުމުގެ މައްސަލަ އެންމެ ގިނަ ދުވަސް ވެގެން 10 ދުވަސް ތެރޭގައި ދިރާސާ ކުރުމަށްފަހު މަޖިލިހުގެ ރަޅުމަށް ރިޕޯޓު ފޮނުވުމަށެވެ.