ޖަލު އޮޕަރޭޝަންތަކަށް ބުރޫ އަރާ ވަރުގެ އިހުތިޖާޖެއް ޖަލު އޮފިސަރުން ނުކުރާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އޮފިސަރުން އިހުތިޖާޖު ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކާއި ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ، ލު އޮޕަރޭޝަންތަކަށް ބުރޫ އަރާ ވަރުގެ އިހުތިޖާޖެއް ޖަލު އޮފިސަރުން ނުކުރާ ކަމަށެވެ.
ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އީއެސްޖީ ކޮމާންޑަރަކު ސަސްޕެންޑް ކުރައްވާފައެވެ. މިކަމާއި ގުޅިގެން ޖަލު ތެރޭގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން އުފެދިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، އިތުބާރު ހިފޭ މަސްދަރަކުން ވަނީ ޖަލު އޮފިސަރުން އިހުތިޖާޖު ކުރަމުންދާކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، އޮފިސަރުން އިހުތިޖާޖު ކުރަމުން ދަނީ، އީއެސްޖީގެ ކޮމާންޑަރަކު އިއްޔެ ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ނަމަވެސް، ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އޮފިސަރުން އިހުތިޖާޖު ކުރަމުން ދަނީ، އެމީހުން ޖަލުގެ ގޮޅިތަކަށް ވަނުމުން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެއެވެ.
އެގޮތުން، މިިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެފައިވާއިރު، ހަތް ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އަދި މި ހަމަނުޖެހުމުގައި ގައިދީންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.