ފާއިތުވީ 23 އަހަރެއްހާ ދުވަހު ބަނޑަށް އަރަމުންދިޔަ ދަތުގެ ސިއްރަކީ، ސިޒޭރިއަން އޮޕަރޭޝަން ކުރުމުގެ ތެރޭގައި އޭނާގެ ބަނޑު ތެރޭގައި ބޭއްވިފައިވާ ސާޖިކަލް ކްލޭމްޕެއްކަން ރަޝިޔާގެ އަންހެނަކަށް އެނގިއްޖެއެވެ.

1996 ވަނަ އަހަރު ސިޒޭރިއަން ހެދިފަހުން ބަނޑަށް ތަދުތަކެއް އަރާތީ އެޒީތާ ގޮބީފާ ޑޮކްޓަރަށްވެސް ދައްކައެވެ. ޖަވާބުގައި ޑޮކްޓަރުން ބުނަމުން ދިޔައީ ގޮހުރުގެ މައްސަލަތަކެއް ކަމަށެވެ. ބޭހަކަށް ދެނީ ތަދުކަނޑުވާ ބޭހެކެވެ. އެ ބޭހުގެ ސަބަބުން ތަދު ހުންނަ ދިމާ އައްސިވުން ފިޔަވާ އިތުރު ކަމެއް ނުވާކަމަށް ބުނެ އެތައް އަހަރެއް ވަންދެން ކުރި އާދޭހަށްފަހު އެޒީތާގެ ބަނޑުގެ އެކްސްރޭއެއް ހަދަން ފުރުސަތު ލިބިފައިވަނީ ދާދި ފަހުންނެވެ.

ތަދުގެ ހަގީގީ ސިއްރު ހާމަވީ އެކްސްރޭއިންނެވެ. ސާޖަރީ ހެދުމުގައި ބޭނުންކުރި އާލާތް ބަނޑުތެރޭގައި ތާށިވެފައިވާތަން އެކްސްރޭއިން ސާފުކޮށް ފެނެއެވެ. ސާޖިކަލް ކްލޭމްޕެއް އިންކަން އެކްސްރޭއިން ދެއްކުމުން، އެކްސްރޭ ނަނގަން ހުރި މީހާއަށްވެސް ފުރަތަމަ އެރީ އޮޅުމެއް ކަމަށާ، އެޒީތާއަށް އޮޅިގެން ހަތިޔާރެއް ހިފައިގެން އެކްސްރޭ ނަގަން ވަދެވުނީއޭ ރެޑިއޮލޮޖިސްޓަށް ހީވިކަމަށް އެޒީތާ ކިއާދިނެވެ.

ކަތުރެއް ގޮތަށް އޮންނަ މި ހަތިޔާރު ބަނޑު ތެރޭގައި އޮތްކަން އެނގުމުން އުމުރުން 62 އަހަރުގެ އެޒީތާއަށް ރޮއިގަނެވުނުކަމަށާ، ދެން ވީ އެއްވެސް ގޮތެއް ނޭނގޭކަމަށް އޭނާ ބުންޏެވެ. މި ހަތިޔާރަކީ ކަތުރެއްގެ ސިފައަށް އޮތެއްކަމަކު ކަތުރެއް ނޫނެވެ. މިއީ ސާޖަރީ ހަދަމުންދާއިރު ޓިޝޫއާއި ކަފަ ފަދަ ތަކެތި ހިފަހައްޓަން ބޭނުންކުރާ ހަތިޔާރެކެވެ.

މި ސާޖިކަލް ކްލޭމްޕް އަދިވެސް އޮތީ އެޒީތާގެ ބަނޑުތެރޭގައެވެ. ނަމަވެސް މިހާރު އެޒީތާ ވަނީ ސާޖަރީ ލިސްޓުގައި ދަފުތަރުކޮށްފައެވެ. މި އޮޕަރޭޝަނަށް ހަރަދުކުރާނީ އެޒީތާ ސިޒޭރިއަން ހެދި ހޮސްޕިޓަލުން ކަމަށްވާއިރު، ފާއިތުވީ އަހަރުތަކުގައި އޭނާ އަޅަމުންދިޔަ ވޭނަށް މާލީ ބަދަލު ދިނުމަށްވެސް ރަޝިޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.