މަސްތުވާތަކެތި ހުރި 164 ސެލޯފިންކޮޅާ އެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއެކު ރިސޯޓަކުން މީހަކު ހައްޔަރުކުރީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި ރިސޯޓްގައި މަސްތުވާތަކެތި ގެންގުޅޭކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހު ހިންގި މިއޮޕަރޭޝަންގައި 30 އަހަރުގެ މީހާ ހައްޔަރުކޮށް، އެ ރިސޯޓުގައި މިމީހާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 164 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެ އަތޮޅު ކަމަދޫގައި ހިންގި އޮޕަރޭޝަނެއްގައި މިމަހު 13 ވަނަ ދުވަހު، ކަމަންދޫގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށް، މިމީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 230 ކަރުދާސްކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.