އީރާނަށް އަމާޒުކޮށް އެންމެ ވަޒަނެއް ޖެހިކަމުގައި ވީނަމަވެސް ދެން ފެނިގެންދާނީ އެމެރިކާއާއި އެމެރިކާގެ މަސްހަލަތު އެކުލެވޭ ބައިވެރިން އަނދައިގެން މަންޒަރުކަމަށް ވިދާޅުވެ، އީރާން އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް ސްޕޯކްސްމަން ބްރިގޭޑިއާ ޖެނެރަލް ޢަބްދުލްފަޒުލް ޝިކާރުޗީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ބްރިގޭޑިއާ ޖެނެރަލް ޢަބްދުލްފަޒުލް ޝިކާރުޗީ ވިދާޅުވީ، ސަރަހައްދީ މަސްރަހު މިއަދު އެޑްވާންޓޭޖު އޮތީ އީރާނަށް ކަމަށެވެ.
އީރާނުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ފަހުގެ ތައްޔާރީތައްވެ، ހަމަލާ ދިނުމަށް 10 މިނެޓޭއްހާއިރަށް ވެފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރުފުޅަކަށް އެ ހަމަލާތައް މަޑުޖައްސާލި ޚަބަރު ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އީރާނާ އެމެރިކާއާއި ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވަނީ، އެމެރިކާ އަސްކަރިއްޔާގެ ޑްރޯންއަކަށް އީރާނުން މިސައިލް ހަމަލާދީ، ވައްޓާލި ހާދިސާއާއި ގުޅިގެންނެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ޑްރޯންއަށް ހަމަލާ ދީ، ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، އުދުހެމުންދިއުމުގެ ސަބަބުންނެވެ. ނަމަވެސް އެމެރިކާއިން މިކަމަށް އިންކާރުކުރެއެވެ. އެމެރިކާއިން ބުނާ ގޮތުގައި އެމެރިކާގެ ޑްރޯންއަށް އީރާނުން މިސައިލް ހަމަލާދީފައިވަނީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގައި އުދުހެމުންދަނިކޮށެވެ.
ކަންމިހެންއޮތްއިރު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އެމެރިކާއާއި އީރާނުގެ ދެބަސްވުންތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ އީރާނުން ކުރިއަށް ގެންދާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަޝްރޫއުގެ މައްޗަށެވެ. މިއީ އީރާނުން އަސްކަރީ ބާރުވެރިކަމެއް ހޯދުމަށް ހިންގާ މަޝްރޫޢެއް ކަމަށް އެމެރިކާއިން ތުހުމަތުކުރާއިރު އީރާނުން ބުނަމުންދަނީ މިއީ މަދަނީ މަޝްރޫއެއްކަމަށެވެ. މިމައްސަލައާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގެ އެއްބަސްވުމެއް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލިއިރު، އެމެރިކާއިން މިދިޔަ އަހަރުވަނީ މި އެއްބަސްވުމުން ވަކިވެފައެވެ.