މިދިޔަ ހަފްތާގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްގެންް 1014 ސްޓިކާ ޖެހި ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހަށް ފުލުހުން އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުން 1014 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެ. ޕާކިން ސްޓިކާ ޖެހި އަދަދުމިދިޔަ ހަފްތާގައި ގިނަ ވެފައިވާއިރު، އޭގެ ކުރީ ހަފްތާގައި ވައެލޭޝަން ސްޓިކާ ޖަހާފައި ވަނީ 978 ވެހިކަލެއްގައެވެ.

ފުލުހުން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން 42 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި ހަތަރު މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ކުރީ ހަފްތާގައި 38 އެކްސިޑެންޓެއް ހިނގާ، އެކަކަށް އަނިޔާވެފައި ވެއެވެ. މި އެކްސިޑެންޓްތަކުން ފުލުހުން ވަނީ 18 މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 467 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 146 މައްސަލައެއް ބެލިފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް އަތުގައި ނެތި 69 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ހަތް މީހެއްގެ މައްސަލައިގެ އިތުރުން އަދި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ނުދޭ އަށް މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފްތާގައި ހަތް ކާރު ޓޯކޮށްފައިވާ އިރު، ފޯނުން ވާހަކަ ދައްކަމުން ސައިކަލު ދުއްވި 33 މީހުންނާއި، ވާހަކަ ދައްކަމުން ލޭނު ބަދަލު ކުރި 12 މީހެއްގެ އިތުރުން ކަނޑައެޅިފައިވާ ލިމިޓަށް ވުރެ ބާރަށް ދުއްވި 35 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ޗެކް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯޑްވާދިނަސް ހަމަވެފައިވާ، 29 ވެހިކަލާއި، އަހަރީ ފީ ހަމަވެފައިވާ 37 ވެހިކަލްގެ އިތުރުން އިންޝުއަރެންސް ނެތް 25 ވެހިކަލެއް ހިމެނެއެވެ.