މެރިޓައިމް ސެކިއުރިޓީއާއި މޫސޫމީ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ނަތީޖާ ނެރުމަށާ، ބައިނަލްއަގުވާމީ ޒިންމާތައް ހިއްސާކުރުމަށް އިންޑިއާގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ އިސްވެރިންނަށް ދެއްވި ރޭގަނޑުގެ ފަރީއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވަނީ، "ފުރަތަމަ އަވަށްޓެރިން" ސިޔާސަތުގެ ދަށުން، އިންޑިއާގެ ބައިނަލްއަގުވާމީ ފިޔަވަޅުތިލަ ސާބިތުކޮށް ވަރުގަދަ ކުރަމުންދާ މަސައްކަތްތައް، ގައުމުތަކުގެ މަންދޫބުންނާ ހިއްސާކުރައްވާފައެވެ.

އިންޑިއާއަށް ގެންނަ އިސްލާހީ ބަދަލުތަކުގެ ތެރެއިން ބޭރުގެ ގައުމުތަކާއެކު ޕާޓްނާޝިޕް ގުޅުންތައް ބަދަހި ކުރުމަށް އިންޑިއާއިން ނުހަނު ބޭނުންވާކަން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވެރިރަށް ނިއުދިއްލީގެ ހޮޓަލެއްގައި ކުރިއަށްގެންދެވި ފަރީއްކޮޅުގައި، ޕާކިސްތާނުގެ ޑެޕިއުޓީ ހައިކޮމިޝަނަރު ސައީދު ހައިދަރު ޝާހުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕާކިސްތާނުގެ އާ ހައިކޮމިޝަނަރު މުއީނުލް ޙައްޤު، އަދި މަގާމުގެ ޒިންމާތައް ރަސްމީކޮށް އުފުއްލަވަން ފައްޓަވާފައި ނުވާއިރު، ކުރީގެ ހައި ކޮމިޝަނަރު މިހާރު ހުންނެވީ ޕާކިސްތާނުގެ ފޮރިން ސެކްރެޓަރީގެ މަގާމުގައެވެ.