މަސައްކަތުގެ މާހައުލުން ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމަތްވުމަށް ގާނޫނީ އިމުގެ ތެރެއިން ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް، ތިން ބައިކުޅަ އެއް ގައުމުގައި ނެތް ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗްގެ އެގްޒެކެޓިވް ޑައިރެކްޓާ ކެނެތް ރޮތް ވިދާޅުވެއްޖެއެވެ.
މަސައްކަތުގެ ވެށިން ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމަތްކުރުމަށް ބައިނަލައަގުވާމީ މިންގަނޑުތަކެއް ކަނޑައެޅުމަށް އެކުލަވާލި މުއާހަދާ ބަލައިގަތުމަށް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ (އައި.އެލް.އޯ)އިން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރޮތް ވިދާޅުވީ، ގާތްގަނޑަކަށް 235 މިލިއަން އަންހެން މުވައްޒަފުން މިހާރުވެސް ދިރިއުޅެމުންދަނީ ހިމާޔަތާ ރައްކާތެރިކަމެއްނެތި ކަމަށެވެ.
މަސައްކަތުގެ ވެށިން ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމަތްކުރުމަށް ބައިނަލައަގުވާމީ މިންގަނޑުތަކެއް ކަނޑައެޅުމަށް އެކުލަވާލި މުއާހަދާއަކީ، ގައުމުތަކުގައި ތަންފީޒުކުރަމުން އަންނަ ގާނޫނުތަކުގެ ތެރެއިން ރިއާޔަތްކުރެވޭ ކަމަކަށް ވާންޖެހޭކަންވެސް ރޮތްގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ މުއާހަދާއެއް ބަލައިގަނެ ތަންފީޒުކުރެވެން ފެށުމަކީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އާ ހަރުފަތަށް ދެވުންކަމުގައި، ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި، އދގެ ލޭބާ އޭޖެންސީ ބަލައިގެންފައިވާ މަސައްކަތުގެ ވެށިން ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމަތްކުރުމަށް ބައިނަލައަގުވާމީ މިންގަނޑުތަކެއް ކަނޑައަޅާ މުއާހަދާއަކީ، މަސައްކަތު މާހައުލުން 3 ވަނަ ފަރާތަކުން ކުރިމަތިވާ ގޯނާތަކާ ފުރައްސާރައިންވެސް މުވައްޒަފުން ސަލާމަތްކުރުމަށް ބާރުދޭ މުއާހަދާއެކެވެ. 3 ވަނަ ފަރާތުގެ ގޮތުގައި ފާހަގަކުރަނީ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކާ، މަސައްކަތުގެ ދަތުރުތަކަށް އައިސް ގޮސްވުމުގައި ބައްދަލުވެ ކުރިމަތިލާންޖެހޭ މީހުންނެވެ.
މިއީ ހަމައެކަނި އަންހެނުންނަށް ހާއްސަ މުއާހަދާއެއް ނޫންކަމަށްވާއިރު، މިއީ ދެޖިންސުގެ މީހުންނަށް ކުރިމަތިވާ ގޯނާއާއި ފުރައްސާރައިން މުވައްޒަފުން ސަލާމަތްކޮށްދޭ މުއާހަދާއެކެވެ.